ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ސިނޯފާމް ވެކްސިންގެ 2ވަނަ ޑޯޒް މާދަމާ ދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވެއްޖެއެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދޭން ފަށާނީ ގްރޭޓަރ މާލޭ ސަރަޙައްދުގައިކަމަށެވެ. އެގޮތުން މިދިޔަ މާރިޗުމަހުގެ 22ވަނަ ދުވަހާއި 23ވަނަ ދުވަހު ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މާދަމައިން ފެށިގެން ވެކްސިންގެ 2ވަނަ ޑޯޒް ޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.
މާލޭ ސަރަޙައްދުގައި ސިނޯފާމް ވެކްސިން ޖެހުން ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. އެގޮތުން މަޖިލިސް އިދާރާއިން ރޭގަނޑު 9 އިން 11:30 އަށް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭގަނޑު 8:30 އިން 11 ޖެހުމާއި ހަމައަށް ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ރޯދަނޫން ފަރާތްތަކަށް ހެނދުނު 10 އިން މެންދުރު 12 އަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނަކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
ރާއްޖޭގައި ކޯވިޑް-19 އިން ދިފާޢުވުމަށް 3 ވެކްސިނެއް ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވެއެވެ. އޭގެތެރެއިން ސިނޯފާމް ވެކްސިން ޖެހުމަށް ހުއްދަ ދީފައިވަނީ މިދިޔަ މާރިޗުމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ސިނޯފާމް ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މާރިޗުމަހުގެ 22 ވަނަ ދުވަހުއެވެ.