ޚަބަރު

ކޯވިޑް-19 އޭދަފުށީ ކްލަސްޓަރ: އިތުރު 11 މީހުން ޕޮޒިޓިވް


ބ.އޭދަފުށިން އަނެއްކާވެސް އިތުރު 11 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެންމެފަހުން ޕޮޒިޓިވްވީ ރޯގާގެ ޢަލާމާތްތަކެއް ހުރެގެން ބ.އަތޮޅު ހޮސްޕިޓަލުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އެރަށުން މީގެކުރިން ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓް ވިކަމަށް ބެލޭވޭ ބައެކެވެ. މިހާރު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 48އަށް އަރާފައެވެ.

އެރަށުން މިހާތަނަށް 469 ސާމްޕަލްއެއްވަނީ ނަގާފައެވެ. މީގެތެރެއިން 421 މީހުން މިބައްޔަށް ނެގެޓިވެފައިވާއިރު، ބަލިޖެހުނު 50 އަހަރުން މަތީގެ އަންހެނަކަށް ރީޖަނަލް ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ.

މިރަށުން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 7 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ އާ ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތަކެއް ހޮސްޕިޓަލާ ފުލުހުން އަދި އަތޮޅު ކައުންސިލް ގުޅިގެން އަންނަނީ ކުރަމުންނެވެ.