ޚަބަރު

ރާއްޖެއިން ފޮޒިޓިވްވި 3 މީހަކު ވިހޭ ކުދިން ވެންޓިލޭޓަރުގައި


ކޯވިޑް-19ގެ ހަގީގަތް އެއްކޮށް ހޯދިފައިނުވާތީ ބައްޔާމެދު ފަރުވާ ކުޑަނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އެހެންނަމަވެސް މިވާހަކަތަކަށް ސަމާލުކަންދޭ ދިވެހިންގެ އަދަދު މަދުކަން އެގެނީ ކޮންމެ ދުވަހަކުވެސް މި ބައްޔަށް ޕޮޒިޓިވްވާ މިހުންގެ ނަމްބަރުތަކުންނެވެ. އެއްދުވަހަށްވުރެ އަނެއް ދުވަހަށް އަދަދު ތިރިވުމުގެ ބަދަލުގައި އަންނަނީ މަތިވަމުންނެވެ. ބަލީގެ ނުރައްކާ ބޮޑުކަން ދޭހަވަނީ މައުސޫމް ތުއްތުކުދިންނަށްވެސް މި ބަލީގެ ސަބަބުން ވެންޓިލޭޓަރަށް ލާންޖެހި ފަރުވާދިނުމުގައި ދަތިތަކާއި ކުރިމަތިވާތީއެވެ. ކޯވިޑަށް ޕޮޒިޓިވްވި މާބަނޑު 3 މީހެއް ވިހޭ ތިން ކުދިންނަށްވެސް މިވަގުތުވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ކޯވިޑާއި ގުޅޭ ސައްޙަ މަޢުލޫމާތާއި ބަލީގެ ޙާލަތު ޢާއްމުންނަށް ބުނެދެއްވުމުގައި ސިއްޙީ ދާއިރާގެ އޮފިޝަލުން އެކި ޕްލެޓް ފޯމްތަކުގައި ގެންދަވަނީ ހުއްޓުމެއްނެތި ކުރައްވަމުންނެވެ. އޭގެ ތެރެއިންވެސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ގެންދަވަނީ މިބައްޔަށް ޕޮޒިޓިވްވާ މާބަނޑު މީހުންނާއި ތުއްތު ކުދިންގެ ތަފާސް ހިސާބާއި އެކުދިންގެ ބަލީގެ ޓްރެކް ޓުވިޓަރ މެދުވެރިކޮށް ކިޔާދެއްވަމުންނެވެ. ބޭނުމަކީ ބައްޔަށް މީހުން ހޭލުންތެރިކޮށް މިކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ.
ޑރ. ފައިސަލް އެންމެ ފަހުން ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު މާބަނޑު މީހުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓީވްވެފައިވަނިކޮށް ވިހެއުމާ ގުޅިގެން އޭގެތެރެއިން 3 ކުއްޖަކަށް ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވެ މިވަގުތު އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ޑރ. ފައިސަލް ވިދާޅުވީ އަލަށް ވިހާ ކުދިން ބައްޔަށް ޕޮޒިޓިވް ނުވިނަމަވެސް އެކުދިންނަކީ ބަލީގެ ކޮންޓެކްޓުންނަށްވާތީ ބާއްވަންޖެހެނީ ވަކި ކިއުބިކަލްސްތަކުގައި އެކަނިކަމަށެވެ. އެހެންނަމަވެސް މި ފަދަ ކުދިން އެކަނި ބާއްވަންޖެހުމާއި އެކުދިންނަށް ފަރުވާދޭން ވަސީލަތްތައް ނެތުމާއި އެވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތްކަމީ ޑރ. ފައިސަލް މި ވާހަކަ ދައްކަވާ އެންމެ ބޮޑު އެއް ސަބަބެވެ.

ތުއްތު ކުދިން ވިހެއުމަށްފަހު ވަކިން ބޭތިއްބުމުގެ ސަބަބުން ކުދިންނަށާއި މައިމީހާއަށް ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަކަމުގެ ކަންބޮޑުވުން ޑރ.ފައިސަލްވަނީ މީގެ ކުރިންވެސް ހިއްސާކުރައްވާފައެވެ.

ވެކްސިން ދެވޭ ކެޓަގަރީގައި މާބަނޑު މީހުން ނުހިމެނޭއިރު މާބަނޑު ދުވަސްވަރު ކުރިމަތިވާ އެހެނިހެން މައްސަލަތަކުގެ ސަބަބުން މާބަނޑު މީހުން ހިމެނެނީ ބަލީގެ ނުރައްކާ ހައިރިސްކް ކެޓަގަރީގައެވެ. ދާދި ފަހުން ޔުނިވަރސިޓީ އޮފް ވޮޝިންގޓަން ސްކޫލްސް އޮފް މެޑިސިނާއި ޔުނިވަރސިޓީގެ އޮކްސްފޯޑުން އިސްނަގައިގެން ދުނިޔޭގެ 18 ޤައުމަކުން 2130 މާބަނޑު މީހުން ހިމަނައިގެން ހެދި ދިރާސާއަކުންވަނީ މިކަން ކަށަވަރުވެފައެވެ. އަދި ޕޮޒިޓިވް މާބަނޑު މީހުން ވިހާ ކުދިންނަށްވެސް އެކި ކަހަލަ ސިއްޙީ މައްސަލަތައް ކުރިމަތިވެ ވިހެއުމަށްފަހު އެންއައިސީޔޫ ނުވަތަ ޚާއްސަ ފަރުވާ ދޭންޖެހޭ ޙާލަތްތަކަށް ދާކަންވަނީ ހާމަވެފައެވެ.

ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވަމުންދާ ނިސްބަތް އިތުރުވެ މިވަގުތުވެސް ތިންހާހަށްވުރެ ގިނަ މީހުނަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި ސަތޭކައަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނައިރު ރާއްޖޭގައި އެނދުމަތި ކުރަންޖެހޭ މީހުން ގިނަވެ އެޑްމިޓްކުރުމުގައި ބަލަންޖެހޭ މިންގަނޑުވެސް ވަނީ ބަދަލުކޮށްފައެވެ.

ރާއްޖެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 218 މީހުންވަނި މި ބައްޔަށް ޕޮޒިޓިްވެފައެވެ. މި އަދަދާއި އެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 30 ހާހާއި ގާތްކޮށްފައެވެ. ރާއްޖޭގެ މި ބަލި މިހާރު ފެތުރެމުން އަންނަ ގޮތަށް ބަލާއިރު ގިނަ ކޭސްތައް ފެންނަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. މި ވަގުތުވެސް 20 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.