ޚަބަރު

އިންތިޚާބުގައި ވާދަކުރި ސިވިލް ސަރވަންޓުން ދާއިމީ ނަތީޖާ މަސައްކަތްކުރާ އޮފީހަށް އަންގަންޖެހޭނެ


ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވި ސިވިލް ސަރވިސް މުވައްޒަފުން، ނަތީޖާ ޢިއުލާންކުރުމުން އެކަން އެމުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް އެންގުމަށް ސިވިލް ސަރވިސްއިން އެދިއްޖެއެވެ.

ސިވިލް ސަރވިސްއިން ޢާއްމުކުރި ސަރކިއުލައެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ސިވިލް ސަރވަންޓުންގެ ތެރެއިން ހޮވުނު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ ޢިއުލާންކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކަން އެމުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް ލިޔުމުން އަންގަންވާނެކަމަށެވެ. އަދި ވާދަކުރި ސިވިލް ސަރވަންޓުންގެ ތެރެއިން ނުހޮވޭ މީހުން އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ ޢިއުލާންކުރުމާއެކު އެކަން އެމީހަކު މަސައްކަތްކުރާ އޮފީހަކަށް އެނގުމަށް ސިވިލް ސަރވިސްއިންވަނީ އެދިފައެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުންވަނީ މިދިޔަ ހޮނިހިރު ދުވަހު ޢިއުލާންކޮށްފައެވެ. މިއާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރި ގިނަބަޔަކު ދެން ޢަމަލުކުރަންވީ ގޮތް ސާފުނުވެގެން ސިވިލް ސަރވިސްއަށް ގުޅަމުން އަންނަކަން އެކޮމިޝަނުން ފާހަގަކުރައްވައެވެ. އަދި މިވަގުތު އިންތިޚާބުގެ ނަތީޖާއިން އެމީހަކު ހޮވިފައިވާނަމަ އަދި ނުހޮވޭނަމަ އެކަންވެސް ވީ އެންމެ އަވަހަކަށް މަސައްކަތްކުރަމުން ދިޔަ އޮފީހަކަށް އެންގުމަށް ސީއެސްސީއިން އެދެއެވެ.

އިންތިޚާބުގައި ވާދަކުރުމަށް ހުށައެޅި ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވަނީ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުގައެވެ. އެންމެ ފުރަތަމަ އިންތިޚާބު ބޭއްވުމަށް ޢިއުލާންކުރުމާއެކު މިދިޔަ އަހަރު ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން 200އަށްވުރެ ގިނަ ސިވިލްސަރވަންޓުން އަލުން ވަނީ އިންތިޚާބު ފަސްކުރުމާ ގުޅިގެން ސަސްޕެންޝަން އުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.