ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗްއީއޯސީން ވިދާޅުވީ މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 85 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މިއާއެކު މިބައްޔަށް ޕޮޒިޓިވްވީ މީހުންގެތެރެއިން ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 72އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 8 ބިދޭސީންނެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށްބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި 386 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 4000އިން މައްޗަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 100އަށްވުރެ މައްޗަށް އަރާފައެވެ.
މީގެ ކުރިން ކޯވިޑްގެ ޙާލަތު އެންމެ ގޯސްކޮށް އޮތީ މާލެ ސަރަޙައްދުގައި ނަމަވެސް މިހާރު އަތޮޅުތެރެއިންވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މީގެތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭކަން އެޗްޕީއޭގެ ތަފާސް ހިސާބުންތަކުން ދައްކައެވެ.