ޚަބަރު

އިންޑިއާގެ ޙާލަތާމެދު، ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުކުރައްވައިފި


އިންޑިއާގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުންދިޔުމާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަންބޮޑުވެވަޑައިގެން ހިތާމަ ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއަށް މިވަގުތު ކޯވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެ ދިމާވެފައިވާ ބިރުވެރި ޙާލަތުގެ ސަބަބުން ކަންބޮޑުވެ ހިތާމަކުރައްވާކަމަށެވެ.
މިޙާލަތުގައިވެސް ދިވެހިން ތިބީ އިންޑިއާއާ އެކުގައިކަމުގެ ޔަގީންކަން ރައިސްވަނީ ދެއްވާފައެވެ. އަދި އިންޑިއާ އޮތް ޙާލަތުން އަރައިގަތުމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ކަމާގުޅޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެމަސައްކަތަސް ރައީސްވަނީ ކާމިޔާބަށް އެދިވަޑައިގެންފައެވެ.

އިންޑިއާއަށް މިވަގުތު ކޯވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެ އެޤައުމުގެ ސިއްޙީ ނިޒާމަށްވަނީ ނުތަކާފައެވެ. އިންޑިއާގެ އެކި ސަރަޙައްދުތަކަށް ބޭނުންވާ ބޭހާއި މެޑިކަލް އޮކްސިޖަން ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

މުޅި ދުނިޔޭގައިވެސް މިވަގުތު ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް އެއްޤައުމަކީ އިންޑިއާއެވެ. އެޤައުމާމެދު މުޅި ދުނިޔެވެސްވަނީ ކަންބޮޑުވެ ޙަމްދަރުދީ ފާޅުކޮށް އެހީވަމުންނެވެ.

މިހާތަނަށް އިންޑިއާގައި ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 17.9 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވެއެވެ. މިބަލީގައި އެޤައުމުން މަރުވި މީހުންގެ ޢަދަދުވަނީ ދެލައްކައަށްވުރެ މައްޗަށް އަރާފައެވެ. އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ ބަލީގެ އިތުރު ވޭރިއެންޓުތައް ފެންނަމުން ދިޔުމާ ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ސްޓޭޓުތަކުގައި އަންނަނީ ފުރަބަންދު ޢިއުލާންކުރަމުންނެވެ.