ހުޅުލެ، މާލެ އަދި ހުޅުމާލެ
ގުޅާލާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތްތައް ކުރިއަށް
ގެންދިޔުމަށް ރޭވިފައިވާ ގޮތުން 2018ގެ މޭމަހުގެތެރޭގައި ބްރިޖްގެ މަސައްކަތް
ނިމޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގް އެންޑް އިންފްރާޓްރަކްޗަ ޑރ. މުޙައްމަދު
ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު
ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރިއަށްދާ
ގޮތުން އެތާރީޚަށް ވުރެ އަވަހަށް ބުރިޖުގެ މަސައްކަތް ނިމުން ވެސް އެކަށީގެންވާ
ކަމަށާއި ނަމަވެސް ލަސްވެގެން މޭ މަހުގެތެރޭ ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށެވެ. މިނިސްޓަރ
މުޢިއްޒު ވިދާޅުވީ މިމަސައްކަތް ޙަވާލްކުރެވިފައިވާ ކޮންޓްރެކްޓަރާއެކު
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ
ރާއްޖޭގައި ކަމަށާއި ސޮއި ކުރުމުގެ ރަސްމިއްޔާތު މި ނޮވެމްބަރ މަހުގެތެރޭ ބޭއްވުން
ވެސް އެކަށީގެންވާ ކަމަށެވެ.
ހުޅުލެ، މާލެ އަދި ހުޅުމާލެ ގުޅާލާ
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް ބޭނުންވާ ކޮންޓްރެކްޓް ޗައިނާއިން
އިއްޔެ ހޮވާފައިވާ އިރު މަޝްރޫޢު
ޙަވާލުކުރެވުނީ ކޮން ކޮންޓްރެކްޓަރަކާކަމެއް ސަރުކާރުން އަދި ހާމަކުރައްވާފައެއް
ނުވެއެވެ. ސަބަބަކީ ޗައިނާގައި މިފަދަ ކަންކަމަށް
ކޮންޓްރެކްޓަރަކު ހޮވުމަށްފަހު އެ ޤައުމުގެ ޤާނޫނީ މަރުޙަލާތަކެއް
ފުރިހަމަކުރުމުގެ ކުރިން އެކަން ރަސްމީކޮށް އިޢުލާންނުކޮށް ލަސްކުރަންޖެހޭ
އުޞޫލެއް އޮންނާތީއެވެ. އެހެންނަމަވެސް ދިވެހި ސަރުކާރަށް ކޮންޓްރެކްޓަރ އާއި އަގާއި
އެ ނޫންވެސް ތަފްޞީލްތައް ހިއްސާކުރައްވާފައިވާކަމަށް ހައުސިން މިނިސްޓްރީން
ހާމަކުރައްވައެވެ.
ބްރިޖްގެ މަޝްރޫޢުގެ ބީލަމުގެ މަރުހަލާތައް
ކުރިއަށްގެންގޮސްފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން. މިމަސައްކަތް
ހަވާލުކުރެވުނީ ކޮން ކޮންޓްރެކްޓަރަކާކަން ހަފްތާއެއްހާދުވަސް ފަހުން
އާންމުކުރައްވާނެކަމަށް ހައުސިން މިނިސްޓްރީން ހާމަކުރެއެވެ.