ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް ކޭސްތަކާއެކު ފީއަލި މޮނީޓަރިންއަށް


ކޯވިޑް-19ގެ އިތުރު ޕޮޒިޓިވް 4 ކޭސްއާއެކު ފ.ފީއަލީ މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފިއެވެ.

ފީއަލީ ކައުންސިލުން ވިދާޅުވީ، ރޯގާގެ ޢަލާމާތްތައް ހުރެގެން ރަށުތެރެއިން 12 މީހެއްގެ ސާމްޕަލް ނެގިކަމަށެވެ. އޭގެތެރެއިން މިއަދު 4 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އެންމެ ފުރަތަމަ ފީއަލިން ކޯވިޑް-19އަށް ޕޮޒިޓިވްވީ ބިދޭސީއެކެވެ. އެއީ ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މިމީހާ ޕޮޒިޓިވްވީ އޭޕްރީލް މަހުގެ ކުރީ ކޮޅުގައިކަމަށް ފީއަލީ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

އެރަށުން ކޯވިޑްގެ އިތުރު ކޭސްތަކެއް ފެނުނީ އިންޑިއާއިން އެރަށަށް ގޮސް، ހޯމްކަރަންޓީނުގައި ތިބި 8 މީހަކު ޕޮޒިޓިވް ވުމުންނެވެ. މި 8 މީހުން ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަކުރުމަށްފަހު ކޯވިޑް-19 އަށް ޓެސްޓްކުރިއިރު އެންމެންވެސް ބައްޔަށް ޕޮޒިޓިވްވިކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

ފީއަލީން މިހާތަނަށް ޖުމްލަ 13 މީހުން ޕޮޒިޓިވްވެފައިވެއެވެ. ރަށުކައުންސިލުން ވިދާޅުވީ ސިއްޙީމަރުކަޒާއި އެޗް.ޕީ.އޭއާ ގުޅިގެން ރަށުތެރޭ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަ ކޮށްފައިވާކަމަށެވެ.