ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު ބާއްވައިފިއެވެ.
މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިޑިސްޕްލޭ ބަލާލުމަށްޓަކައި ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަށް ގިނައަދަދެއްގެ އާންމުންނާއި ޚާއްޞަކޮށް ކުޑަކުދިން ޖަމާވެ، ހޫނު ތަރުހީބެއް ވަނީ ދީފައެވެ. އަދި މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށްފަހު ޑިސްޕްލޭގައި ބައިވެރިވި ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު އެސަރަޙައްދަށް ޖަމާވެފައިވާ އާންމުންނަށާއި ކުޑަކުދިންނަށް ހުޅުވާލެވުނެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 11 ވީ ބުދަ ދުވަހު ހަވީރު ޝަހީދުންގެ ބިނާ ސަރަހައްދުގެ އިތުރުން އިއްޔެ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެސް އެމްއެންޑީއެފުން މިއުޒިކަލް ޑްރިލް ޑިސްޕްލޭ ވަނީ ބާއްވާފައެވެ. އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަށް އާންމުންގެ ވަރަށްބޮޑު ސަމާލުކަމެއް ލިބިފައިވާ އިރު ޚާއްޞަކޮށް މި ހަރަކާތަށް ކުޑަކުދިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސްކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.