ކޯވިޑް-19

ކޯވިޑް-19 : ޢަދަދުތައް މަތިވަމުންގޮސް، ޕޮޒިޓިވްވި ޢަދަދު 500ން މައްޗަށް


ރާއްޖެއިން އިތުރު 508 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިފަހުން، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލޭ ސަރަޙައްދުންނެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00ން ފެށިގެން މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން 508 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 276 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 185 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 12 މީހަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށުން 32 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން 3 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 30،745 އަށް އަރާފައެވެ.

ރާއްޖޭން ފަހަކަށް އައިސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންވަނީ ރިކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން 300 މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރާތާ މިހާރު މިވަނީ ހަފްތާއެއްވެފައެވެ. ވަކިން ޚާއްސަކޮށް މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 134 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 25،068 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 5،594 މީހުންނެވެ. އަދި 172 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،523 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.