މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން ޢާއްމުކޮށް ޖެހުން ވަގުތީގޮތުން ހުއްޓާލައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ އަލުން ވެކްސިން ޖަހަން ފެށޭނެ ތާރީޚެއް ފަހުން އަންގާނެކަމަށެވެ.
ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ ރާއްޖޭގައި މިވަގުތު ހުރި ކޮވިޝީލްޑް ވެކްސިން ސްޓޮކް މަދުވުމުގެ ސަބަބުންނެވެ. ސްޓޮކް މަދުވެފައިމިވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ރާއްޖެއަށް ލިބެންޖެހޭ ކޮވިޝީލްޑްގެ ވެކްސިން ޝިޕްމަންޓް މިދިޔަމަހު ލިބިފައިނުވާތީ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އިންޑިއާގެ ވެކްސިން ކުންފުންޏާއެކުވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިޔާއިން 3 ލައްކަ ވެކްސިން ޑޯޒް ހޯދުމަށްވަނީ ފައިސާ ދައްކާފައެވެ.
މީގެތެރެއިން އެއްލައްކަ ޑޯޒް މިހާތަނަށް ލިބިފައިވާއިރު ކުރިން އޮތްގޮތުން މިދިޔަ މަހު އިތުރު އެއްލައްކަ ޑޯޒް ރާއްޖެއަށް ލިބޭގޮތަށްވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މިވަގުތު ކޯވިޑްގެ ޙާލަތު މުޅި ދުނިޔޭގައި ގޯސްވެ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިކަންކަން ޙައްލުކުރެވި ވެކްސިން ޝިޕްމަންޓް ރާއްޖެއަށް ލިބެންދެން ކޮވިޝީލްޑް ވެކްސިން ޢާއްމުކޮށް ދިނުން ހުއްޓާލާފައިވާ ކަމަށް އެއެޖެންސީން ވިދާޅުވެއެވެ.
ކޮވިޝީލްޑް ވެކްސިންޖެހުން އާއްމުކޮށް ހުއްޓާލިނަމަވެސް ބަލީގެ ހައިރިސް މީހުންނަށާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 12 ހަފްތާ ހަމަވެފައިވާ ފަރާތްތަކަށް ކޮވިޝީލްޑް ވެކްސިން ދެމުންގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން މިހެން އަންގާފައިވާއިރު ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ކޮވިޝީލްޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން 12 ހަފްތާ ހަމަވެފައިވާ މީހުންނަށް އިސްކަންދީގެން ވެކްސިންދިނުމުގެ ކަންކަން ސޯޝަލް ސެންޓަރުގައި ކުރިއަށްގެންގޮސްފައެވެ.
މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝިއެލްޑް ވެކްެސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލި ވާހަކަދަންނަވަމެވެ.
— Health Protection Agency (@HPA_MV) May 4, 2021
އަލުން ޖަހަން ފެށޭނެ ތާރީޙެއް ފަހުން އިއުލާން ކުރެވޭނެއެވެ
ސިންގަޕޫރުގެ އެސްޓްރާޒެނެކާ އާއި ގުޅިގެން ރާއްޖެއަށް ވެކްސިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން އަންނައިރު މިވެކްސިން ޝިޕްމަންޓް އަންނަ ޖޫންމަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރވަނީ މީގެކުރިން ވިދާޅުވެއެވެ. އެގޮތުން ކޮވިޝީލްޑްގެ 7 ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ގަތުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ރާއްޖޭގައި ކޮވިޝީލްގެ ވެކްސިން އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާއާއި ދެވަނަ ހަފްތާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުން ދެވަނަ ޑޯޒް ޖަހަންޖެހޭ އެންމެ ފަހުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. މުއްދަތު ހަމަވެފައިވީނަމަވެސް ވީއެންމެ އަވަހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.