ޚަބަރު

ކޯވިޑް-19 ދިފާޢު : 126،000އަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން 126،000އަށް ވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް 300،000 އަށް ވުރެ ގިނަ މީހުންވަނީ ޖަހާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 3209 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 25 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 3184 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 126،790 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 249 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 46 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 203 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 300،438އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.