ޚަބަރު

ހަފްތާއަކަށްފަހު ކުޅުދުއްފުށީގެ މޮނިޓަރިން އުވާލައިފި


ކޯވިޑް ކޭސްތަކެއް ފެނިގެން ކުޅުދުއްފުށީގައި އިއުލާންކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލުމަށް ނިންމާއިފިއެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ ކުޅުދުއްފުށީގެ 3 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މިމަހުގެ 2 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީގައި އަޅާފައިވާ މޮނިޓަރިން އުވާލިކަން އަންގާ އެޗްޕީއޭން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ކުޅުދުއްފުށީގައި އިއުލާންކޮށްފައިވާ މޮނިޓަރިން އުވާލާފައިވާކަމަށެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވީ ބަލީގެ އަލާމަތް ހުރެގެން ކުޅުދުއްފުށީ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އޭނާގެ ގާތް ދެމީހުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކޮންޓެކްޓް ރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓް 31 މީހަކާއެކު ރެންޑަމް ސާމްޕަލް 234 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ. ނަމަވެސް އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްވެފައިނުވާކަމަށް އެހޮސްޕިޓަލުން ބުންޏެވެ.

ވޭތުވެ ދިޔަ 48 ގަޑިއިރަށް ބަލާއިރުވެސް ރާއްޖެއިން ކޯވިޑް ޖެހިގެން 9 މީހުން ވަނީ ނިޔާވެފައެވެ. އަދި އެކްޓިވް ކޭސްތަކާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޯވިޑް19ގެ ކޭސްތައް ދުވާލަކަށް ފެންނަ މިންވަރު 700 އިން މައްޗަށް އަރާފައިވާއިރު މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 8000 އިން މައްޗަށް ވަނީ އަރައެވެ. އަދި 205 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.