ކޯވިޑް-19

ހެންވޭރު މުނި އުފާއިންވެސް މިހާރު ސާމްޕަލް ނެގޭނެ


ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާއި މާލޭ ސަރަހައްދުގައި އިތުރު ތަނަކުން ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ސާމްޕަލް ނެގުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމުގެ ގޮތުން ހެންވޭރު މުނި އުފާގައިވެސް ކޯވިޑަށް ޓެސްޓްކުރުމަށްޓަކާ ސާމްޕަލް ނެގޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު މުނި އުފާގައި ސާމްޕަލްތައް ނަގަމުން ގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ދުވާލު ގަޑީގައި ސާމަޕަލް ނެގުން އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 13:00 އަކަށް، ހަވީރު 15:30 އިން 17:15 އަށެވެ. ރޭގަނޑު ސާމްޕަލް ނަގާނީ 19:30 އިން 21:00 އަށެވެ. ހުކުރުދުވަހު ސާމްޕަލްތައް ނެގުން އޮންނާނީ ހަވީރު 15:30 އިން 17:15 އަދި ރޭގަނޑު 19:30 އިން 21:00 އަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެކުރިން މާލޭގައި ސާމްޕަލްތައް ނަގަމުން ގެންދިޔަ މާލޭ ހިޔާ ފުރަގަހުގައި ހުރި ޕްލޫ ކްލިނިކް ވަގުތީ ގޮތުން ވަނި ބަންދުކޮށްފައެވެ. އެޗްޕީއޭއިން ވިދާޅުވީ އެތަން ބަންދުކުރީ އެތަނުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އަޕްގްރޭޑްކޮށް، ފްލޫ ކްލިނިކެއްގެ ގޮތުގައި ހުޅުވުމަށްކަމަށެވެ.

މުނި އުފާގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް ކޯވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ވިލިމާލޭ ފްލޫ ކްލިނިކުން ކޮންމެ ދުވަހަކު ހަވީރު 15:00 އިން 16:30 ސާމްޕަލް ނެގޭނެއެވެ. އަދި ހުޅުމާލޭ ފްލޫ ކްލިނިކުން ކޮންމެ ދުވަހަކު ހަވީރު 15:30 އިން 17:15 އަދި ރޭގަނޑު 19:30 އިން 21:00 އަށް ސާމްޕަލް ނެގުން ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު، ފަހަކަށް އައިސް މާލޭ ސަރަޙައްދުން އެކަނިވެސް ދުވާލެއްގެ މައްޗަށް 500 އެއްހާ މީހުން އަންނަނީ މި ބައްޔަށް ޕޮޒިޓިވްވަމުންނެވެ.