ކުޅިވަރު

ބެންގަލޫރު ޓީމް މާދަމާ ފުރަނީ


އޭއެފްސީ ކަޕްގެ ޕްލޭއޯފް ކުޅުމަށް ރާއްޖެ އައި އިންޑިޔާގެ ބެންގަލޫރު އެފްސީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވުމުން މާދަމާ ހަވީރު އިންޑިޔާއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސްފައިވަނީ މިމަހުގެ 11ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި އޮތް އޭއެފްސީ ކަޕްގެ ކޮލިފައިން މެޗް ކުޅުމަށެވެ.

ބެންގަލޫރާއި ވާދަކުރާ ރާއްޖޭގެ ކުލަބް އީގަލްސްވެސްވަނީ މިދިޔަ ހުކުރު ދުވަހު ކޭންޕްކޮށްފައެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސްފައިވަނީވެސް ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެފްޕީއޭ އަދި އޭއެފްސީގެ ގައިޑްލައިންގެ ދަށުން ޓީމްތައް މާލެ އައުމަށްފަހު އެއްވެސް ކުޅުންތެރިއަކަށް ހޮޓާ ދޫކޮށްފައި ދެވޭނީ ފަރިތަކުރުންތަކަށް އެކަންޏެވެ. އަދި ފަރިތަކުރުންތަކަށް ޓީމްދަނީވެސް އެކަމަށް ކަޓައެޅިފައިވާ ހާއްސަ ބަހެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

ރާއްޖޭގައި ކުޅެން އޮތް މެޗްތައް ފަސްކުރުމަށްވެސް އެފްއޭއެމުން މީގެ ކުރިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އޭއެފްސީއިން ބުނީ މާލޭގެ ހާލަތު އިތުރަށް ގޯސްނުވާނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މުބާރާތް ކުރިއަށްގެންދާނީކަމަށެވެ. ނަމަވެސް މިމައްސަލަ ހޫނުވެފައިވަނީ ބެންގަލޫރުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ހޮޓަލުން ބޭރަށް ނިކުމެ، މާލޭގެ މަގުމަތީގައި އުޅޭ ފޮޓޯތަކެއް ޝޯޝަލް މީޑިޔާގައި ދައުރުވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ރާއްޖޭގައި މެޗްތައް ނުކުޅެވޭނެކަމަށާއި އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިނާއި ބެންގަލޫރު ޓީމް ހިލާފުވެފައިވުމުން ބެންގަލޫރު ޓީމް އަނބުރާ އިންޑިޔާއަށް ދިއުމަށް މިނިސްޓަރވަނީ ގޮވާލާފައެވެ.

މިކަމާގުޅިގެން އެފްއޭއެމްއިންވަނީ އޭއެފްސީގައި ބެންގަލޫރު ޓީމަށް ފިޔަވަޅު އަޅައިދީ، އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް ފަސްކޮށްދިނުމަށް އެދިފައެވެ. މިއާއެކު އޭއެފްސީއިން ނެރުނު ބަޔާންގައި ބުނެފައިވަނީ އޭއެފްސީ ކަޕްގެ ކޮލިފައިން އާއި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތައް މިހާރު ފަސްކޮށްފައިވާކަމަށާއި މެޗްތައް ކުޅޭނެ ތާރީހެއް ފަހުން އިޢުލާން ކުރާނެކަމެވެ. އޭއެފްސީއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބެންގަލޫރު ޓީމް ފުރުމުގެ ހުރިހާކަމެއް ކުރަންޖެހޭނީވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޓީމުން އަމިއްލައަށްކަމަށެވެ.