ރާއްޖޭގައި ކޯވިޑް-19 ވެކްސިންގެ 2ވަނަ ޑޯޒް އިތުރު 2،208 މީހަކު ފުރިހަމަކޮށްފިއެވެ.
ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ތިރީސް ހާހަށްވުރެ މައްޗަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 2،208 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 258 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 1،950 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 136،205 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 468 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 145 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 323 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 301،707 އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.