ޚަބަރު

ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުންތަކެއް!


ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވާރޭވެހި، ފެންބޮޑުވުމާއި ގުޅިގެން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ގިނަ ގެތަކަކަށް ފެންވަދެ، ގެއްލުންތަކެއް ލިބިއްޖެއެވެ.

އައްޑޫއާއި ފުވައްމުލަކުގައި ފެންބޮޑުވެފައިވާއިރު، އެ ދެ ސިޓީގައި ފެން ހިންދުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މުޅި ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫގެ އިތުރުން ފޭދޫގެ ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތްތާއެކު ގެއްލުންވެފައިވާ ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ކުރިއަށްގެންދާކަމަށެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއަށް ކުރަމުން އަންނަ ވިއްސާރައިގައި މިހާތަނަށް 120 ގެއަކަށް ފެންވަދެފައިވާކަމަށާއި، އެކަމާއި ގުޅިގެން އެމްއެންޑީއެފް ފުވައްމުލަކު ޕޯސްޓްގައި ޙަރަކާތްތެރިވާ ސަދަން އޭރިއާގެ ސިފައިން އަންނަނީ ފެން ހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ދެކުނުގެ ބޮޑު ސިޓީއަށް ވިއްސާރައިގައި ގެއްލުންތަކެއް ވަމުން އަންނައިރު ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކި ގަޑިތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުމީ ނުރައްކަލުގެ ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ނެރެފައެވެ. އެގޮތުން އެންމެ ފަހުން އެއިދާރާއިންވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އޮރެންޖް އެލަރޓްވެސް ނެރެފައިވެއެވެ.

ކުރިއަށް އޮތް ގަޑިތަކުގައިވެސް ރާއްޖޭގެ ހުރިހާ ހިސަބަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާތީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިންވަނީ ރައްކާތެރިކަމަށްޓަކައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ފެން ބޮޑުވާނެކަމަށް ލަފާކޮށް ގެއަށް ފެން ނުވަންނާނޭހެން ވެލިބަސްތާ ޖެހުމަށާއި ގޭތެރެއަށް ފެން ވަނުމުގެ ފުރުސަތު ބޮޑު ނަމަ ހިފަ ގެންގުޅޭ ތަކެތި ފެނުގެ އަސަރު ނުކުރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އިރުޝާދުދެއްވާފައެވެ.

ވިލާގަނޑުގައި ވައިގަދަވާނެތީ ފުރާޅު އެއްލާލަފާނެކަމަށްޓަކާ ދުރާލާ އެކަމަށްވެސް ތައްޔާރުވުމަށް އެއޮތޯރިޓީން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ބޭނުން ނުކުރާ ކަރަންޓުގެ ވަޞީލަތްތައް ނިއްވާލާފައި ބެހެއްޓުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ. އަދި ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވާފައިވާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފީހުން އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.