ކޯވިޑް-19

ކޯވިޑް-19 : 24 ގަޑިއިރުގެ ތެރޭ 4 ވަނަ މަރު، ޖުމްލަ ޢަދަދު 91 އަކަށް


ކޯވިޑް-19 ޖެހިގެން ރާއްޖޭގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި މި ބަލީގައި ނިޔާވި 4ވަނަ މީހާއެވެ.

މި 4 މީހުންގެ ތެރެއިން ފުރަތަމަ ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މި މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:24 ގައެވެ. ދެން މިބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިމިހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 06:30 ގައެވެ.

މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3 ވަނަ މީހަކީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ފަރުވާދެމުން ގެންދަނިކޮށް މި މީހާ ނިޔާވީ ހެނދުނު 09:05 ގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. 4 ވަނަ މި ބަލީގައި ނިޔާވެފައިވަނީ 78 އަހަރުގެ ދިވެހި ފިރިނެކެވެ. އޭނާ ނިޔާވެފައިވަނީ އައި.ޖީ.އެމް.އެޗްގެ އިމަރޖެންސީގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 12:48 ގައެވެ.

މި 4 މީހުންނާއި އެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 91 އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ބަލި ހަލުވިކޮށް ފެތެރެން ފަށައި ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު މިހާރު މިވަނީ 1000 ހުރަސްކޮށްފައެވެ. އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެތެރޭގައިވެސް 1216 މީހަކަށް ރާއްޖެއިން މި ބަލިޖެހިފައިވެއެވެ. އޭގެތެރޭގައި ހިމެނީ މާލޭ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވި 1013 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 201 މީހެކެވެ. މީގެއިތުރުން ރިސޯޓަކުން މީހަކާއި ސަފާރީއަކުން އެކަކުވެސް އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު 13784 އަރާފައިވާއިރު މީގެތެރެއިން 259 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މި ބަލި ފެތުރުން އިތުރުވެ މިބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިންގެ އަދަދުވެސް އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި ބަލީގައި ހާލު ބޮޑުވާ ޒުވާނުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ސިއްހީ އޮފިޝަލުންވަނީ ހާމަކޮށްފައެވެ.