ސޫރިޔާގައި ހަރަކާތްތެރިވަމުން އައި.އެސް ޖަމާޢަތާ
ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން ސޫރިޔާގެ ތެރެއަށް ސިފައިން
ފޮނުވުމުގެ ވިސްނުން ނުގެން ގުޅުއްވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ
އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.
އިއްޔެ ތުރުކީވިލާތުގައި ނިމިގެން ދިޔަ
ޖީ-ޓުވެންޓީގެ ސަމިޓަށް ފަހު ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް
އޮބާމާ ވިދާޅުވީ، ފަރަންސޭސިވިލާތުގައި އައި.އެސްއިން ދިން ވަރުގަދަ ހަމަލާގެ
ސަބަބުން އެޖަމާޢަތާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ
ކަމަށެވެ. އަދި މިފަދަ ދަނޑިވަޅަކީ މި ސިޔާސަތަށް ބަދަލު ގެންނަންވީ ވަގުތު ނޫން
ކަމަށާ އެމެރިކާއިން މިކަމުގައި ކުރިއަށްދާނީ އެންމެ ގިނަ ކާމިޔާބީ ލިބޭނެ މަގުން
ކަމަށްވެސް ވިދާޅުވިއެވެ.
މެދު އިރުމަތީގައި ހިނގަމުންދާ އެކި އެކި
ހަނގުރާމަތަކުގައި އެމެރިކާ ސިފައިން ޢަމަލީ ގޮތުން އެއްގަމު މަގުން ބައިވެރިކުރުމަށް
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސަރުކާރުން ވަނީ ފަސްޖެހިފައެވެ.