މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް، ކޯވިޑުން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް އިތުރު 14 ދުވަހަށް އިތުރުކޮށްފިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖޭގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. 10 ދުވަހުގެ މުއްދަތަށް އޭރު އިއުލާންކުރި މި ފިޔަވަޅުތައް މިވަނީ އިތުރު 14 ދުވަހަށް ދަންމާލާފައެވެ.
މިމަހުގެ 3 ވަނަ ދުވަހު އެޗް.ޕީ.އޭއިން ނެރުނު އެންގުމުގައި މި ބަލިން ރައްކާތެރިވުމަށް މައިގަނޑު 7 ފިޔަވަޅެއް ވަނީ އަޅާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކޯވިޑްގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައްވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޓްރެކްތައް ބަންދުކުރުން ހިމެނެއެވެ. އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތާކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުުމާއި މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުންވެސް ހިމެނެއެވެ.
ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް މާލޭ ސަރަހައްދުގައި ބޭރަށް ނުކުތުން މަނާކޮށްފައި އޮތް އޮތުންވެސް ވަނީ އިތުރު 14 ދުވަހަށް ދަންމާލާފައެވެ. އެހެންނަމަވެސް ކޯވިޑް ކޭސްތައް ފެންނަމުންދާ މިންވަރު މަދުނުވުމުން މި ނިންމުމަށް ފިތުރު އީދު ދުވަހުން ފެށިގެންވަނީ ބަދަލު ގެނެސްފައެވެ. އެ ބަދަލާއި އެކު މިހާރު ހަވީރު 04:00 ފަތިހު 04:00އަށް މާލޭ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދުކުރުންވެސް ހަފްތާއަކަށް ވަނީ މެދުކަނޑާލާފައެވެ.
ކޯވިޑާއި ގުޅިގެން ހަރުދަނާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހަދުގައި ސަރުކާރު އޮފީސްތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމާއި މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދިނުވެސް ހިމެނެއެވެ. މީގެއިތުރުން 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ރާއްޖޭގައި ކޯވިޑް ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް މި ބަލި އަންނަނީ ހަލވިކަމާއި އެކު ފެތުރެމުންނެވެ. މިގޮތުން މި ވަގުތުވެސް މި ބަލީގެ ނުރައްކާ ބޮޑުވެ 50 ރަށެއް އޮތީ އަރާ ފޭބުމުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ. ރާއްޖެއިން މި ބަލި ޖެހިގެން މިހާތަނަށް 96 މީހުން ނިޔާވެފައެވެ. އަދި މިވަގުތުވެސް 260 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑިމިޓްކޮށްގެންނެވެ. މީގެތެރެއިން 11 މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އޭގެތެރެއިން 7 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.