ކޯވިޑް-19

ކޯވިޑް-19 : އަނެއްކާވެސް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެ މިބަލީގައި ނިޔާވި މީހުންގެ އަދަދު 105 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ނިޔާވެފައިވަނީ 66 އަަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިރޭ 08:42 ހާއިރުކަމަށެވެ. މިއަދު މެންދުރުވެސް ވަނީ ދިވެއްސަކު މި ބަލީގައި ދުނިޔެދޫކޮށްފައެވެ. މިއަދު ދެން ނިޔާވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި މީހެކެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 105 އަކަށް އަރާފައެވެ.

މިބަލީގައި ރޭވެސްވަނީ ދެ ދިވެހިން ނިޔާވެފައެވެ. މީގެ ތެރެއިން އެކަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 79 އަހަރުގެ އަންހެނެކެވެ. އަނެއް މީހަކީ އައި.ޖީ.އެމް.އެޗްގެ އީއާރްއަށް ގެންދިޔަ 74 އަހަރުގެ ފިރިހެނެކެވެ.

ކޯވިޑް-19 ޖެހިގެން އިއްޔެވެސް 5 މީހުން ނިޔާވެފައިވެއެވެ. ރާއްޖޭގައި މިބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު މިރޭ ނިޔާވި މީހާއާއެކު މިމަހުގެ މިހާތަނަށް 31 މީހުން މިބަލީގައިވަނީ ނިޔާވެފައެވެ. މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ. އަދި 13 މީހުންނަކީ ބިދޭސީންނެވެ.

ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރުން އިންތިހާއަށް އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށްވެސް 15،000 އަށްވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދޭ މީހުންގެ ޢަދަދު 17،000 އާ ގާތްކޮށްފައިވާއިރު، 268 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.