އަތޮޅުތަކުގައި ކޯވިޑް-19 އަށް ޓެސްޓް ކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޕީސީއާރު ޓެސްޓުކުރާނެ އިތުރު ފެސިލިޓީތައް ހެދުމަށް ނިންމައިފިއެވެ. އަތޮޅުތަކުގެ 5 ސަރަޙައްދެއްގައި މިވަގުތުވެސް ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުންގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19އަށް ޓެސްޓްކުރާ މިންވަރު އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންފަށާފައި ވާކަމަށެވެ. އެގޮތުން ލ.އަތޮޅާއި ގދ.އަތޮޅާއި ރ.އަތޮޅާއި ޅ.އަތޮޅުގައި ކޯވިޑަށް ޓެސްޓުކުރާ މިންވަރު އިތުރުކުރުމަށް އިތުރު ފެސިލިޓީތައް ހަދަން ނިންމާފައި ވާކަމަށެވެ. އަދި އެ އަތޮޅުތަކުގައި ހަދާ ފެސިލިޓީތަކަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ތަމްރީނު ބޭނުންވާ މުވައްޒަފުން އެންގުމަށް ހެލްތު މިނިސްޓްރީން އަންގަވާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެ ފެސިލީޓީތަކުގެ ތެރެއިން ކޮންމެ ތަނަކުންވެސް މަދުވެގެން ކޮންމެ ދުވަހަކު 300 ޓެސްޓް ހެދޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަމާޒަކީ 1 މަސް ތެރޭގައި މި ރަށްތަކުގައި ފެސިލިޓީތައް ޤާއިމްކޮށް ނިންމުން. ނަމަވެސް މެޝިންތައް ބެހެއްޓުމާއި ބައެއްކަހަލަ މަސައްކަތްތައް ކުރުމަށް އިތުރަށް ވަގުތުކޮޅެއްވެސް ނަގާފަނެ. އެކި ރަށްތަކުގައި ޤާއިމްކުރާ ފެސިލިޓީތައް ނިންމުމަށް އެކި މުއްދަތު ނަގާނީ. މަދުވެގެން ކޮންމެ ރަށަކުންވެސް ދުވާލަކަށް 300 ޓެސްޓް ހެދޭނެ." މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވިއެވެ.
ފަހަކަށްއައިސް އަތޮޅުތަކުންވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އަންނަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. ޕޮޒިޓިވް ކޭސްތަކެއް ފެނިގެން 70 ވަރަކަށް ރަށް މިވަގުތުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ރަށްރަށުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނާތީ އެކަން މެނޭޖް ކުރުމަށްޓަކައި އަލަށް ހޮވުނު ކައުންސިލަރުންނަޢި މެޑިކަލް އޮފިސަރުންނާއި ސަރުކާރުގެ ބައިވެރިވުން ހިމެނޭހެން އަތޮޅުގެ ކަންކަން ބެލެހެއްޓުމަށް ޓާސްކްފޯހެއް އެކުލަވާލަން ވަނީ ނިންމާފައެވެ.
މިހާރު ހުރިހާ ކައުންސިލްތަކާއެކު މަޝްވަރާކޮށް ކޭސްތައް މަދުކުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުން އަންނަކަށް އެޗްއީއޯސީން ވިދާޅުވެއެވެ. މީގެ އިތުރަށް މޮނިޓަރިން ހަލާތުގައި އޮތް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭއާއި ކައުންސިލާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.