ކޯވިޑް-19އިގައި މިއަދުގެ މިހާތަނަށް ތިން މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދިވެހި 3 ފިރިހެނުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ރޭ ފަތިހު 3:18 ހާއިރު ނިޔާވެފައިވަނީ އުމުރުން 77 އަހަރު ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.
ކޯވިޑް-19އިގައި ރޭ ފަތިހު 4:25 ހާއިރު ނިޔާވެފައިވަނީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔާ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން ރޭ ދަންވަރު 2:02ހާއިރުވެސްވަނީ އިތުރު ދިވެއްސަކުވަނީ ނިޔާވެފައެވެ. އުމުރުން 81 އަހަރު މިމީހާއަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ދިވެހި ފިރިހެނެކެވެ.
ކޯވިޑް ބަލީގައި އިއްޔެވެސް 6 މީހަކުވަނީ ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި 132 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި 15 ބިދޭސީންނެވެ.
ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިހާތަނަށް 55،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 32،000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 23،000އަށްވުރެ ގިނަ މީހުން ތިބިއިރު މީގެ ތެރެއިން 290 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.