މުނިފޫހިފިލުވުން

ސަންޖޭގެ "ބެއިޖޫ ބައުރާ" އަށް ދީޕިކާ


މީގެ ހަފްތާތަކެއް ކުރިން މީޑިއާތަކުގައި ދެކުވުނު ވާހަކައަކީ ސަންޖޭ އާއި ސުޕަރ ސްޓާރ ޝާހުރުކްޚާން އާއެކު ހަދާ އެޕިކް ލަވް ސްޓޯރީ ފިލްމު "އިޒްހާރު" ގެ ވާހަކަތަކެވެ. މިހާރު އަނެއްކާވެސް ދެކެވޭ ވާހަކަތަކަކީ ބަޔޮގޮރޮފިކް އެޕިކް ޑްރާމާ "ގަންގޫބާއި ކާތިއާވަޑީ" އަށްފަހު ސަންޖޭ އެންމެ އަވަހަށް ދެން ފަށާ ލޯބީގެ ފިލްމެއްކަމަށްވާ "ބެއިޖޫ ބައުރާ" ގެ ވާހަކަތަކެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނާ ގޮތުގައި މި ފިލްމުގެ ލީޑް ރޯލު ކުޅުމަށް ސަންޖޭ ބޭނުންވަނީ ބޮލީވުޑް ތަރި ދީޕިކާ ޕަޑްކޯން ލައްވައެވެ. 1952 ވަނަ އަހަރު އިންޑިއާގައި އުޅުނު ޅެންވެރިއެއްކަމަށްވާ ރާނީ ރޫމްޕަތީ ގެ ރޯލު ދީޕިކާއަށް ހުށަހަޅައި މިކަމާއިމެދު ވާހަކަތައް ވަނީ ދެކެވިފައެވެ. ދެފަރާތް އެއްބަސްވާ ކަންތައްތަކެއް ނިންމުމަށްފަހު ފިލްމުގެ މަސައްކަތްތައް ފެށުމަށް ނިންމާނެކަމަށާއި ދީޕިކާ އަދި ހުރީ މި ފިލްމު ކުޅޭގޮތަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ. އަދި އަންނަ އަހަރު މެދުތެރޭގައި ފިލްމު ނިންމާލެވޭނެކަމަށްވެސް ބުނެއެވެ.

މަޝްހޫރު ގިނަ ތަރިންތަކާއެކު ހެދުމަށް ނިންމާފައިވާ މި ފިލްމަކީ ބޮޑު ފިލްމެއްކަމަށާއި ފިލްމުން ދެން ފެންނާނީ ކޮން ތަރިންނެއް ކަން އަދި އިޢުލާނެއް ނުކުރެއެވެ. ނަމަވެސް ބައެއް ތަރިންނާ މިހާރުވެސް ވާހަކަދައްކަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ފިލްމުގެ އަޕްޑޭޓް ރަސްމީކޮށް އިޢުލާނު ކުރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

"ބައިޖޫ ބައުރާ" ގެ މައިގަނޑު އެހެން ކެރްކެޓަރތަކުގެ ތެރޭގައި ގައުރީ، ތަންސެން އަދި އަކްބަރު ހިމެނެއެވެ. ޚަބަރުތައް ބުނާގޮތުގައި މިއީ ސަންޖޭގެ ޑްރީމް ޕްރޮޖެކްޓެކެވެ. ފިލްމުގެ މުހިންމު އެއްބައިކަމަށްވާ މިޔުޒިކް ހެދުމުގެ މަސައްކަތް މިހާރުވެސް ސަންޖޭ ފަށާފައިވާކަމަށާއި އޭނާ ބޭނުންވަނީ އެންމެ މޮޅު ކޮމްޕޮޒިޝަން އެ އަލްބަމްގައި ހިމެނުމަށްކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ދީޕިކާ މަސައްކަތްކޮށްފައިވާ ސަންޖޭގެ ތިން ފިލްމު "ރާމް ލީލާ" "ބަޖިރާއޯ މަސްތާނީ" އަދި "ޕަދްމާތް" އަކީ ހިޓް ފިލްމުތަކެވެ.