ކުޅިވަރު

ފުރަތަމަ މެޗަކީ އެންމެ ޗެލެންޖިން މެޗު: މޫޕްމަން


ޤައުމީ ޓީމަށް އިރުޝާދުދޭ ފުރަތަމަ މެޗަކީ މިހާތަނަށް ކެރިއަރުގައިވެސް ކުރިމަތިލާން ޖެހޭ އެންމެ ޗެލެންޖިން މެޗުކަމަށް ޤައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ވަރލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ޤައުމީ ޓީމް ތައްޔާރުވާން ޖެހިފައި ވަނީ ގިނަ ގޮންޖެހުންތަކަކާއި އެކުގައެވެ. މިގޮތުން މި މެޗުތަކަށް ތައްޔާރުވާން ޤައުމީ ޓީމަށް މާލޭގައި ޕްރެކްޓިސްކޮށްލަން ފުރުސަތު ނުލިބެއެވެ. އަދި، ލީގުގެ ދެވަނަ ބުރަށްފަހު އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން ޖެހުމާއެކު ކުލަބުތަކަށްވެސް ފަރިތަކުރާނެ ފުރުސަތެއް ނުލިބުނެވެ. އަނެއްކޮޅުން ޗައިނާއަށް ޓީމު ފުރުމުގެ ކުރިން ދުބާއީގައި ޓީމު ފަރިތަކޮށްލަން ލިބުނީވެސް އެންމެ ހަފްތާއަކަށެވެ.

ކޯޗު މާޓިން ކޫޕްމަން ބުނީ ދޮޅު މަހެއްހާ ދުވަހު އެއްވެސް ވަރަކަށް ނުކުޅެ ތިބެ މިކަހަލަ މުހިންމު ބޮޑު މެޗަކަށް ނިކުތުމަކީ ބޮޑު ގޮންޖެހުމެއްކަމަށެވެ. އެހެންނަމަވެސް ޓީމުގެ ކުޅުންތެރިންނާއި އެންމެން އެކުގައި މިހާތަނަށް ކުރެވުނު މަސައްކަތާއިމެދު ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނީ ފަރިތަކުރުންތަކުގައި އެންމެ ބޮޑު އިސްކަމެއްދެނީ ކުޅުންތެރިންނަށް ކެތްނުކުރެވޭވަރުގެ ވަރުގަދަ ފަރިތަކުރުންތަކެއް ކުރުމުގެ ބަދަލުގައި ބެލެންސް ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔުމަށްކަމަށެވެ. އޭނާ ބުނީ އެންމެ މުހިންމުކަމަކީ ކުޅުންތެރިންނަށް އަނިޔާނުވެ ސްކޮޑުގެ ހުރިހާ ކުޅުންތެރިންވެސް ޗައިނާއަށް ދިޔުންކަމަށައި، ކޮލިފައިންގައި ކުރިއަށް އޮތް ތިން މެޗުގައިވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އުއްމީދާއި ޔަގީންކަން އެބައޮތްކަމަށެވެ. މިހާ ކުޑަ ދުވަސްކޮޅަކުން މިވަރުގެ ބޮޑު މެޗަކަށް މި ޓީމް ތައްޔާރުކުރުމަކީ ކޯޗިން ސްޓާފުންނަށްވެސް ވަރުގަދަ ޓެސްޓެއްގެ ގޮތުގައި ކޯޗުވަނީ ސިފަކޮށްފައެވެ.

"ޗައިނާގައި ކުޅޭ މެޗަކީ އަހަރެންގެ ފުރަތަމަ މެޗު. ވަރަށް ކުރު މުއްދަތެއް މިއޮތީ، އަނެއްކަމަކީ ގިނަ ކުޅުންތެރިން ހަ ހަފްތާވަރުވެއްޖެ ޕްރެކްޓިހެއް ކޮށް ނުލާތާ، މިއީ އާ ޗެލެންޖެއް. އަހަރުމެން އިތުރަށް ސަމާލުވާން ޖެހޭނެ. ސަބަބަކީ މާ ވަރުގަދައަށް ޕްރެކްޓިސް ކުރަން އުޅެގެން ކުޅުންތެރިން އިންޖަރީވެސް ވެދާނެ. އެކަމަށް ސަމާލުވުން ވަރަށް މުހިންމު. ޖުމްލަކޮށް ބުނާނަމަ ތައްޔާރީގެ ކަންތައްތަކަށް އަހަރެން ވަރަށް ހިތްހަމަޖެހޭ" ގައުމީ ޓީމުގެ ކޯޗް ކޫޕްމަން ބުންޏެވެ.