މުނިފޫހިފިލުވުން

އަޖޭ ބާލްގެ ލޯބީގެ ފިލްމެއް އަރުޖުނަށް


މިދިޔަ ހަފްތާ ޑިޖިޓަލްކޮށް ރިލީޒްކުރި އަރުޖުން ކަޕޫރުގެ ދެ ފިލްމު ކަމަށްވާ "ސަރުދާރްކާ ގްރޭންޑް ސަން" އަދި ބްލެކް ކޮމެޑީ ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރީ" އަށްފަހު އަރުޖުންގެ ޕްރޮޖެކްތައް އަދިވެސް ކުރިއަށް އެބަހުއްޓެވެ. މިގޮތުން ވަރަށް ކާމިޔާބުވި ފިލްމު "އެކް ވިލަން 2" ގެ ލީޑް ކާސްޓްގެ ގެތޮގައު އަރުޖުން ފެނިގެންދާއިރު މި ފިލްމްގެ ޝޫޓިން އަދިވެސް ނުނިމެއެވެ.

މީގެއިތުރުން ސައިފް އަލީ ޚާން އާއެކު އަރުޖުން ފެންނަ ހޮރޯ ކޮމެޑީ "ބޫޓް ޕޮލިސް" ހޮޓް ސްޓާރ އަދި ޑިޒްނީ ޕްލަސްއިން ޑިޖިޓަލްކޮށް ރިލީޒް ކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

މި ފިލްމުތަކުގެ އިތުރުން އަޖޭ ބާލްގެ ލޯބީގެ ފިލްމަކަށް އަރުޖުން ސޮއި ކޮށްފައިވާކަމުގެ ޚަބަރުތައް މީޑިއާގައި ވަނީ ތިލަވެފައެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ބޫޝަން ކުމާރު ޝާއިލޭޝް އާރް ސިންގެވެ.

ކޯޓްރޫމް ޑްރާމާ ފިލްމެއްކަމަށްވާ "ސެކްޝަން 375" އަށްފަހު އަޖޭގެ މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެކެވެ. ފިލްމުގެ ބަޠަލުގެ ރޯލުން އަރުޖުން ފެންނާނެކަމަށް ޚަބަރުތައް ބުނާއިރު ބަޠަލާއިންނަކީ ކޮންބައެއްކަމާއި ފިލްމުގެ މާބޮޑު އަޕްޑޭޓެއް އަދި މީޑިއާއަށް ހާމައެއް ނުކުރެއެވެ.

އިންޑިއާގައި ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލިހާ އަވަހަކަށް ފިލްމުގެ ޝޫޓިންތައް ފަށާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި އަރުޖުނަށް މި ރޯލު ދޭން ޑައިރެކްޓަރ ނިންމީ "ސަންދީޕް އޯރް ފަރާރޭ" ބަލާފައިކަމަށާއި މި ފިލްމު ކުޅެން އަރުޖުން ވަރަށް އަވަހަށް އެއްބަސްވި ކަމަށްވެސް ޓީމުން ބުނެއެވެ.

ޕްރޮޑިއުސަރ ބޯނީ ކަޕޫރުގެ ދަރި އަރުޖުންގެ ފުރަތަމަ ފިލްމަކީ 2012 ވަނަ އަހަރު ދެއްކި އެކްޝަން ރޮމޭންޓިކް ފިލްމު "އިޝަޤްޒާދާ" އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ދެއްކި "ގުންޑޭ" ، ހަމަ އެއަހަރު ދެއްކި "ޓޫ ސްޓޭޓްސް" އާއި "ފައިންޑިންގ ފޭނީ" އަދި 2016 ވަނަ އަހަރު ދެއްކި "ކީ އެންޑް ކާ" ގައިވެސް އަރުޖުން ވަނި ފެނިފައެވެ.