މިދިޔަ އަހަރު ރިލީޒްކުރުމަށް ތާވަލްކުރި ފެންޓަސީ އެކްޝަން އެޑްވެންޗަރ ފިލްމު "ބްރަމަސްތްރާ" މިހާރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު ހޫނު މޫސުމުގައެވެ.
ލީޑް ރޯލުން އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމު ރިލީޒް ކުރުން ލަސްވެގެން ދިޔައީ އެހެން ގިނަ ފިލްމުތަކެކޭ އެއްގޮތަށް އިންޑިއާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމާ ހެދިއެވެ.
އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމުގެ އެންމެ ފަހުގެ ވާހަކަތަކަށްބަލާއިރު ފިލްމުގެ ފުރަތަމަ ލުކްގެ ގޮތުގައި ފަސް މިނިޓްގެ ކުޑަ ވީޑިއޯ ކޮޅެއް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިއީ ފިލްމުގެ ޓީޒަރ އެއް ނޫންކަމާއި މި ވީޑިއޯ ފިލްމުގެ ކެރެކްޓަރތައް ތައާރަފްކޮށް "ބްރަމަސްތްރާ" ގެ ދުނިޔެއަށް ބެލުންތެރިން ގެންގޮސްދޭނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ވީޑިއޯއިން ފިލްމާއި ބެހޭ މާ ބޮޑުކަންތައްތަކެއް އެގިގެން ނުދާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މީގެ އިތުރުން އައިމެކްސް ސްކްރީންގެ ޕްރޮމޯ ތަކަކަށް ފިލްމުގެ 13 ޓީޒަރ ކަޓްސް އަދި 8 މޯޝަން ޕޯސްޓަރ ވަނީ ހުށަހަޅާފައެވެ.
އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރުން އަމީތާބު ބަޗަން އާއި މޯނީ ރޯއީވެސް ފެނިގެންދާނެއެވެ. އާލިއާ އާއި ރަންބީރު އެކުގައި ބޮޑު ސްކްރީނުގައި ފެނިގެންދާ މިއީ ފުރަތަމަ ފިލްމެވެ. ސަޕޯޓަރުން ތިބީ އިންތިޒާރުގައެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ މި ފިލްމުގެ ވާހަކަ ފުރަތަމަ އިޢުލާންކޮށްފައިވަނީ ކަރަން ޖޯހަރް އޭނާގެ ޓްވިޓަރ އެކައުންޓުގައި 2017 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު މި ފިލްމުގެ މަސައްކަތް ފަށާފައިވީނަމަވެސް ފިލްމު ރިލީޒްކުރެވޭގޮތް އަދިވެސް ވަނީ ނުވެފައެވެ. ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން 2019 ވަނަ އަހަރު ވަނީ ފިލްމުގެ ޓައިޓުލް ލޯގޯވެސް ނެރެފައެވެ.