2014 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް އެކްޝަން ފިލްމު "ހީރޯޕަންޓީ" އަކީ ބޮލީވުޑް ތަރި ޓައިގަރ ޝްރޮފް ހިންދީ ސިނަމާތަކަށް ތަޢާރަފު ވެގެންދިޔަ ފިލްމެވެ. މި ފިލްމުގައި ޓައިގަރ ގެ ބައިވެރިޔާގެ ރޯލުން ކްރިތީ ސެނޮންއަށް ވަނީ ފިލްމު ފެއަރ އެވޯޑްގައި އެ އަހަރުގެ އަލަށް ނުކުތް އެންމެ މޮޅި ތަރީގެ އެވޯޑް އުފުލާލާފައެވެ. މި ފިލްމަށްފަހު އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުވެގެންދިޔަ ޓައިގަރ އަނެއްކާވެސް މި ފިލްމުގެ ސީކުއަލްއެއްގެ މަސައްކަތް މި ވަނީ ފަށާފައެވެ.
މިދިޔަ އަހަރު އިޢުލާންކޮށްފައިވާ މި ފިލްމުގެ ސީކުއަލް ކަމަށްވާ "ހީރޯޕަންޓީ 2" ގެ މަސައްކަތްތައް ފެށީ މިއަހަރުއެވެ. މި ފިްލމުގެ މަސައްކަތްވެސް ކޯވިޑާއި ހެދި އޮޓި ހުއްޓިފައެވެ. އެހެންނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭހާ އަވަހަކަށް ފިލްމުގެ ޝޫޓިންތައް ފެށުމަށް ޕްރޮޑަކްޝަން ޓިމުން އަންނަނީ ތައްޔާރުވަމުންނެވެ.
މި ފިލްމުގެވެސް ލީޑް ރޯލުން ފެނިގެންދާނީ ޓައިގަރ ޝްރޮޕްއެވެ. އަންހެން ލީޑަކީ "ސްޓޫޑަންޓް އޮފަ ދަ ޔިއަރ 2" އިން ވިދާލީ ތާރާ ސުތާރިއާއެވެ. މީގެއިތުރުން ގިނަ ހިންދީ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ތަރި ނަވާޒުއްދީން ސިއްދީޤީ މި ފިލްމުގައި ފެންނާނީ ވިލަންއެއްގެ ރޯލުންނެވެ. ނަވާޒުއްދީން މީގެކުރިންވެސް ވަނީ "ގޭންގްސް އޮފް ވަސައިޕޫރު" "ތަލާޝް" "ކިކް" އަދި "ބަދްލާޕޫރު" ގައިވެސް ނެގެޓިވް ރޯލް ނުބައިބައިން ފެނިފައެވެ.
ސަބީރު ޚާން ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ދެއްކި "ހީރޯޕަންޓީ" އަކީ ތެލުގޫ ފިލްމު "ޕަރުގޫ" ގެ ރީމޭކެވެ. ފިލްމުގެ ލީޑް ރޯލުން ޓައިގަރ އަދި ކްރިތީ ސެނޮން ފެނިގެންދިޔަ މި ފިލްމުގައި ދައްކަނީ މި ދެމީހުންގެ ލޯބީގެ ވާހަކަތަކެކެވެ.