މުނިފޫހިފިލުވުން

ބިގް ބޮސް 15 އޮކްޓޫބަރު މަހު އަންނަނީ


ކަލާޒްގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ ބިގް ބޮސް އަކީ ބެލުންތެރިންގެ ލޯބި ލިބި އަދި އެންމެ ބޮޑަށް އެ ޝޯއަކާ ދޭތެރޭ ބަހުސް ކުރެވޭ ޝޯވެސްމެއެވެ. އެންމެ ފަހުން ދެއްކި ބިގް ބޮސްގެ 14 ވަނަ ސީޒަންގައި ގިނަ ބަޔަކު ބައިވެރިވެ އެއްވަނަ ޓީވީ ތަރި ރުބީނާ ދިލައިކް އެވެ.

ނިމިދިޔަ ސީޒަންގައިވެސް ސްކްރީންތަކުން ފެންނަ ތަރިންގެ އިތުރުން އާޢްމުންވެސް ވަނީ ބައިވެރިކޮށްފައެވެ. އެ ސީޒަންވެސް ނިންމާލީ ކާމިޔާބު ސީޒަނެއްގެ ގޮތުގައެވެ. މި ޝޯގެ އައު ސީޒަން އަނެއްކާވެސް މިވަނީ އިއުލާންކޮށްފައެވެ. ޝޯގެ ހޯސްޓް ބޮލީވުޑް ސުޕަރ ސްޓާރ ސަލްމާނު ޚާން ބުނީ މި ފަހަރުގެ ސީޒަންގައިވެސް ބިގް ބޮސްގެ ގެއަށް ވައްދާނީ ތަރިންނާއި އާއްމުނާއި އެކުގައެވެ.

މި ސީޒަނަށް އާއްމުންގެ ތެރެއިން ހޮވާނެ ބައިވެރިން ކަނޑައެޅުމަށް ގެންދާ އޮޑިޝަންތައް މިހާރު ވަނީ ފަށާފައެވެ. ފެބްރުއަރީމަހު ފެށި މި އޮޑިޝަންތައް ނިމޭނީ މިމަހުގެ 31 ގައެވެ. ބިގް ބޮސްގެ ގެއަށް ވައްދާނެ ތަރިން ހޯދުމަށް ޕްރޮޑަކްޝަން ޓީމުން ދަނީ މިސީރީޒުން ކުރިން ފެނުނު ބައެއް ބައިވެރިންނާއިވެސް ވާހަކަދައްކަމުންނެވެ.

މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން ބިގް ބޮސްގެ އައު ސީޒަން ފަށާނީ އަންނަ އޮކްޓޫބަރުގައެވެ. ހަބަރުތައް ބުނާ ގޮތުން މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ހަތްރޯން ކޭ ކިލާޅީގެ ބައިވެރިޔާ އަދި ޓީވީ އެކްޓަރެސް ދިވްޔަންކާ ތްރިޕާޓީ އާއި އޭނާގެ ފިރިމީހާ ވިވެކް ދަހިޔާ ހިމެނެއެވެ.

މީގެއިތުރުން ޓީވީ ޝޯ "ބަލިކާ ވަދޫ" ގެ ތަރި ނެހާ މަރްދާ ވެސް ވަނީ އޭނާއަށް ބިގް ބޮސްގައި ބައިވެރިވުމަށް ހުށަހަޅަފައިވާ ކަމަށް ބުނެފައެވެ. 2011 ވަނަ އަހަރު ސްޓާރ ޕްލަސްއިން ދެއްކި "އިސްޕިޔާރު ކޯ ކިޔާ ނާމް ދޫންގީ" އިން ޚުޝީގެ ރޯލުން މަޤުބޫލުކަން ހޯދި ޝަނާޔާ އިރާނީވެސް މި ލިސްޓްގައި ހިމެނެއެވެ.

2006 ވަނަ ސޮނީ ޓީވީން ފެށި ބިގް ބޮސް ގެ ފުރަތަމަ ހޯސްޓަކީ ބޮލީވުޑް ތަރި އަރްޝަދު ވާސީ އެވެ. އޭގެ ފަހުން މަޝްހޫރު ތަރިން ކަމުގައިވާ އަމީތާބް ބަޗަން، ޝިލްޕާ ޝެޓީ، ސަންޖޭ ދަތް އަދި ފަރަހް ޚާންވެސް ވަނީ މި ޝޯގެ އެކި ސީޒަންތައް ހުށަހަޅާދީފައެވެ. މި ޝޯގައި ބިގް ބޮސްގެ އަޑު ޝޯ ފެށުނީއްސުރެ މިހާތަނަށް އަޅާދީފައިވަނީ އަތުލް ކަޕޫރެވެ. ބިގްބޮސްގެ 6 ވަނަ ސީޒަނުން ފެށިގެން ހުށައަޅާ ދެމުން އަންނަނީ ސަލްމާން ހާނެއެވެ.