ވިޔަފާރި

މީރާއަށް ލިބުނު އާމްދަނީ %15 އަށް އިތުރުވެއްޖެ


މި އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު %15 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކުރައްވައިފިއެވެ.މީރާއިން އާއްމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ދައުލަތަށް 11.2 ބިލިއަން ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ލިބިވަޑައިގެންނެވި 9.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %15 އިތުރު އަދަދެކެވެ.މީރާ އިން ހާމަކުރެއްވީ، މިދިޔަ މަހުގެ އާމްދަނީ އިތުރުވި އެއް ސަބަބަކީ ޖީއެސްޓީއާއި ބީޕީޓީގެ އާމްދަނީ އިތުރުވުމުން ކަމަށެވެ.ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު މީރާއިން ވަނީ، 717.7 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައެވެ. މިއީ، މިދިޔަ އަހަރާ އަޅާބަލާއިރު %6.1 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރެއްވި އަދަދަށް ވުރެ %19.5 އިތުރު އަދަދެއްކަމަށް މީރާއިން ހާމަކުރައްވައެވެ.މީރާ އިން ވިދާޅުވީ، މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 462 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ރިސޯޓް ކުއްޔަށް ދޭ މުއްދަތު އިތުރުކޮށްގެން 65 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.ބީޕީޓީގެ ގޮތުގައި 40 މިލިއަން ރުފިޔާ އަދި އެއާރޕޯޓް ސާވިސް ޗާޖުން 38.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.