އައްޑޫ ސިޓީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރައްވަން މިހާރު ހިންގާ މަޝްރޫޢު ނިމުމުން، އެ ސަރަޙައްދުގައި ސީޕްލޭންގެ ޚިދުމަތް ތަޢާރުފްކުރައްވަން ފަށްޓަވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އެ ސަރަޙައްދުގައި ސީ ޕްލޭންގެ ޚިދުމަތް ފެށްޓެވުމުގެ އެންމެ ބޮޑު އަމާޒަކީ ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަން ފަހިކުރެއްވުންކަމަށެވެ. އަދި މީގެ ސަބަބުން ދެކުނުން ގއ އާއި ގދ ގައި ހުރި ރިސޯޓުތަކާއި އަދި ތަރައްޤީކުރުމަށް ދޫކުރައްވާފައި ހުރި ރަށްތައް ތަރައްޤީކޮށް ނިމިގެންދާއިރު، އެތަން ތަނަށް ދާން ބޭނުންވާ ފަތުރުވެރިންނަށް ވައިގެމަގުން އެރިސޯޓްތަކަށް ދިއުމަށް މަގުފަހިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ޓޫރިޒަމް މިނިސްޓަރ ވިދާޅުވި ގޮތުގައި މެދުރާއްޖެތެރެއަށް ފެތުރިފައި އޮތް ފަތުރުވެރިކަން މުޅި ރާއްޖެއަށް ޚާއްޞަކޮށް ރާއްޖޭގެ އެންމެ ދެކުނާއި އެންމެ އުތުރަށް ފުޅާކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މި އަމާޒަށް ވާޞިލްވުމަށް ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފާއިތުވި ދެއަހަރުގެ ތެރޭގައި ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި މިހާރުން މިހާރަށްވެސް އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޗާޓަރ ފްލައިޓްތައް އޮޕަރޭޓްކުރަން ފެށޭތޯ، އެ އެއަރޕޯޓް ތަރައްޤީކުރާ ކުންފުންޏާއެކު މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ހާމަކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވާ ދާއިރާކަމަށްވާއިރު، މިދާއިރާ ތައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރެއްވުމުގައި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ގޮސްފައިވާ ހިސާބާއި މިސްރާބަށް ސަރުކާރުން ބައްލަވާކަމަށެވެ. އަދި ވޭތުވެދިޔަ 2 އަހަރު ޓޫރިޒަމް ތަރައްޤީކުރެއްވުމުގައި އެންމެ އިސްކަމެއް ދެއްވީ އޭގެ ކުރިން ހިނގައިދިޔަ 10 އަހަރުގެ ތަޖުރިބާގެ އަލީގައި ގެންނަވަންޖެހޭ ބަދަލުތަކުގެ ބިންގާ އެޅުއްވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރެއްވުމާއި ފަތުރުވެރިކަމާބެހޭ އެހެން އިންފްރާސްޓްރަކްޗަރ ޤާއިމްކުރެއްވުމުގެ މަސައްކަތްކުރައްވާނީ މި ބިލްގަލުގެ މަތީގައިމަށް މިނިސްޓަރ ބަޔާންކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި މެޑިކަލް ޓޫރިޒަމަކީވެސް މިހާރު ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރުކުރަންޖެހޭ ބޮޅަކަށްވާތީ އެމަސައްކަތްވެސް މިހާރު ފަށްޓަވާފައިވާކަމަށް ވިދާޅުވިއެވެ.