ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢު ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމަޝްރޫޢު ޙަވާލުކުރާނެ ކުންފުނިތައް މިހާރު ޝޯޓް ލިސްޓް ކުރެވިފައިވާކަމަށެވެ.
ގްރޭޓަރ މާލޭ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢަކީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢެވެ. މިމަޝްރޫޢާއެކު މިސަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ގިނަބަޔަކު އިންތިޒާކުރަމުން އަންނައިރު ބްރިޖްގެ މަޝްރޫޢު ފެށުން ލަސްވެފައިވަނީ މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ސަބަބުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ބްރިޖްގެ ޓެންޑަރ ބަންދުކޮށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބައެއް ކުންފުނިތައް ޝޯޓް ލިސްޓްކޮށް އިވެލުއޭޝަން މަރުޙަލާ މިހާރު ކުރިއަށްދާކަމަށެވެ. އަދި މިމަސައްކަތް ނިންމާ މިމަސް ނިމުމުގެ ކުރިން މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރުމަށް ބަޔަކާ ޙަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައެވެ.
"ބްރިޖްގެ މަސައްކަތުގެ ތެރެއިން މިހާރު ޓެންޑަރ ކްލޯޒްކޮށް އިވެލުއޭޝަންވެސް ނިމުމަކާ ވަނީ ގާތްވެފަ. ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގިނަކަންކަމަށް ބުރުއަރާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޕްރޮޖެކްޓްގެ ފައިނެންސަރކަމަށްވާ އިންޑިއާގެ އެގްޒިމް ބޭންކާއެކުވެސް ބާއްވަންޖެހޭ މުހިންމު ބައްދަލުވުންތައް ނުބޭއްވި ލަސްވެފައިވާކަމަށެވެ. ސަބަބަކީ މިވަގުތު އިންޑިއާގައި ކޯވިޑްގެ ޙާލަތު ގޯސްވެ އެޤައުމުގެ ގިނަ ސްޓޭޓުތަކެއް ލޮކްޑައުންކުރުމާއި ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އިތުރު މަސައްކަތްތައް މިވަގުތުވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ބްރިޖް، ގުޅީފަޅާ ގުޅާލާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއިންވަނީ މިހާރު ފަށާފައެވެ. އަދި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭއާއި، ބްރިޖްގެ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިންދަނީ ކުރަމުންނެވެ.
މިމަޝްރޫޢަކީ 6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ގޮތަށް މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖަކާއެކު ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް އިންޑިއާއިން 500 މިލިއަން ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ.