ޚަބަރު

4 ރަށުގެ ޔޫޓިލިޓީތަކުގެ މުވައްޒަފުން ތަމްރީންކުރަނީ



ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަމްރީނު، ޔޫޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތަކީ ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ޚިދުމަތްދޭ މުވައްޒަފުން ވަކި ޓެކްނިކަލް މިންގަނޑެއްގައި ހިފެހެއްޓުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިޕްރޮގްރާމްގެ ތެރެއިން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހދ.ނޮޅިވަރަންފަރާއި ށ.ފޯކައިދޫއާއި ރ.މަޑުއްވަރީ އާއި ބ.ދަރަވަންދޫގައި ޤާއިމުކޮށްފައިވާ ޔޫޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުން ތަމްރީންކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ)އާއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ ތިންލައްކަ ނުވަދިހަ ހަތަރުހާހަށްވުރެ ގިނަ ރުފިޔާއަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.


މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ސެޓްފިކެޓް ލެވަލް 3 ގެ ފެންވަރުގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ޤައުމީ ސްޓްރެޓީޖިކް ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތަށް 2023 ވަނަ އަހަރު ނިމެންވާއިރަށް ފެނާއި ނަރުދަމާ ނިޒާމްތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 އަކަށް ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިއީ ދިވެހި ސަރުކާރާއި ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ އެހީގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. އަދި މީގެ ދަށުން ވަރަށް އަވަހަށް މިހަތަރު ރަށުގެ ޔޫޓިލިޓީ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.