ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިއަށްއޮތްތަނުގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭ ގޮތަށް ބަދަލުކުރަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އަވަސްކުރުމާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރެއިން ޚިދުމަތްދިނުމަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއުސޫލަށް އަމަލުކުރުމުގެ ގޮތުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުންގެ މަޤާމަށް ކުރިމަތިލާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލެވޭނެ އިންތިޒާމު އެ ކޮމިޝަނުން މިހާރުވަނީ ހަމަޖައްސާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ)ގެ ނާއިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނަރަލުން އައްޔަންކުރުމުގެ ގޮތުން އެމަޤާމަށް ކުރިމަތިލާން ހުޅުވާލަނީ އެކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލުމުގައި އަމަލުކުރަމުން އައި ފޯމާއި ލިޔެކިއުންތަކުގެ ހާޑުކޮޕީ ހުށައެޅުމުގެ އުސޫލަށް ގެންނަ ބޮޑު ބަދަލާއެކުކަމަށެވެ.
އެގޮތުން ކުރިން މަޤާމުތަކަށް ކުރިމަތިލާއިރު ސީދާ ކޮމިޝަނަށް ފޯމާއި ލިޔެކިއުންތަކުގެ ހާޑްކޮޕީ ހުށައަޅަންޖެހޭ ގޮތް ބަދަލުކޮށް ސީއެސްސީގެ އެކަމަށް ޚާއްސަ ޕޯޓަލްއެއްގެ ތެރެއިން ވަޒީފާއަށް ކުރިމަތިލެވޭނެގޮތަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
"މިބަދަލާއެކު އަޅުގަނޑުމެންގެ ވިސްނުމަކީ ކުރިއަށްއޮތްތަނުގައި ސިވިލް ސަރވިސް މަޤާމުތަކަށް އެޕްލައިކުރުން މުޅިންވެސް އެ އުސޫލުގެ ތެރެއިން ބަދަލުކުރަން. އިރާދަކުރެއްވިއްޔާ މިއަށްފަހު އަޅުގަނޑުމެން މިދެންނެވި ބަދަލު މުޅި ސިވިލް ސަރވިސްއަށްވެސް ގެންނާނެ" ސީއެސްސީގެ ނާއިބު ރައީސް ވިދާޅުވިއެވެ.
ސިވިލް ސަރވިސްގެ ވިއުގައިގެ ތެރެއިން ޕޯޓަލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލެވޭގޮތްވުމުން ރާއްޖޭގެ އެކި ރަށްރަށުގައި ތިބޭ ފަރާތްތަކާއި ރާއްޖެއިން ބޭރުގައި ތިބެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށްވެސް ފަސޭހައިން ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސީއެސްސީން ވިދާޅުވިއެވެ.
އަދި ހާޑްކޮޕީ ނުވަތަ ހާޑްކޮޕީ ސްކޭންކޮށް އީމެއިލްކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުންނަކަން ފާހަގަކުރެވިފައިވާއިރު ބައެއް ފަހަރު ފައިލް ބޮޑުވުމުގެ ސަބަބުން ހުރިހާ ޑޮކިއުމެންޓްތައް ނުފޮނުވި، ހާޑްކޮޕީ ހުށަހެޅޭނެ ގޮތެއްނެތިގެންވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުންނަކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
ދުއިސައްތައެއްހާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޮވުމަށް މަސައްކަތްފަށާފައިވާއިރު، އޮންލައިކޮށް ކުރިމަތިލާފައިވާ ފަރާތްތަކަށް މުއްދަތުހަމަނުވާނަމަ އެޕްލިކޭޝަނަށް އުނިއިތުރުވެސް ގެނެވޭނެކަމަށާއި، އިންޓަރވިއުތަކާއި އިމްތިހާންތައްވެސް އެމީހަކު ހުރި ތަނެއްގައި ތިބެގެން ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވިއެވެ.