ތިން އަހަރުކުރިން އަފްޣާނިސްތާނުން ދިވެހިން ޢާއިލާއެއް ހައްޔަރުކޮށްފައިވާ މައްސަލައިގައި ދިވެހި ފުލުހުން އެޢާއިލާއަށް އަނިޔާކޮށް ހުތުރުބަހުން މުޢާމަލާތުކޮށްފައިވާކަމަށް ފަތުރަމުންދާ ވާހކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އަފްޣާނިސްތާނުން ދިވެހި ޢާއިލާއެއް ހައްޔަރުކުރިކަން ފުލުހުންނަށް އެނގުނީ އެކަން އިންޓަރޕޯލް މެދުވެރިކޮށް 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހު ފުލުހުންގެ މުއައްސަސާއަށް އެކަން އެންގުމުންކަމަށެވެ. އޭގެކުރިން މިފަދަ މައްސަލައެއް އުޅޭކަން ފުލުހުންނަށް އެނގިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލަ އެނގުމުން އަފްޣާނިސްތާނުގެ ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް އެޤައުމަށް ގޮސްފައިވާކަމަށާ، މިމައްސަލައިގައި އެއްވެސް ހިސާބެއްގައި ދިވެހި ފުލުހުން އެޢާއިލާއާއި އަނިޔާކޮށް ހުތުރުބަހުން މުޢާމަލާތުކޮށް އިންސާނީ ހައްޤަށާއި ކަރާމާތަށް އުނިކަން އަންނަފަދަ އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އެޢާއިލާއަށް އަނިޔާކޮށް ހަޑި ހުތުރުބަހުން މުޢާމަލާތުކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި މިވާހަކަ އަންނަނީ ދެކެވެމުންނެވެ. މިކަން ކުށްވެރިކޮށް ފުލުހުން ވިދާޅުވީ މިފަދަ ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާ މީހުންނާއި މިފަދަ ޢަމަލުތަކަށް ހިތްވަރުދޭ މީހުންނާމެދުވެސް ޤާނޫނީ ގޮތުން އެޅެންހުރި އެންމ ހަރުކަށި ފިޔަވަޅުއަޅާނެކަމަށެވެ.
އަފްޣާނިސްތާނުގައި 2018ވަނަ އަހަރު ހައްޔަރުކޮށްފައިވަނީ ކ.މާލޭ ހ.މޫންލައިޓްވެލީ، ޢަލީ ޝާއިޢުއާއި އޭނާގެ އަނބިމީހާ އާއި 4 ދަރިންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އަފްޣާނިސްތާނުގެ ނަންގަހާރް ޕްރޮވިންސުންކަމަށް އިންޓަޕޯލުންވަނީ ދިވެހި ފުލުހުންނަށް އަންގާފައެވެ.
އަފްޣާނިސްތާނުގެ އައިސިސްކޭ ޖަމާޢާތުގައި ބައިވެރިވެ ހަނގުރާމަކުރަމުންދިޔަކަން ސާބިތުވެ ޝާފިއުއާއި އޭނާގެ އަންހެނުން 21 އަހަރަށް ޖަލަށްލުމަށް އެޤައުމުގެ ކޯޓުންވަނީ ހުކުމްކޮށްފައެވެ. އޭނާއަކީ ހަރުކަށި ފިކުރަށް ބާރުދޭ މީހެއްކަމަށާ، މީގެކުރިން 2015ވަނަ އަހަރުވެސް ހަނގުރާމައަށް ދިޔުމަށް މަސައްކަތްކުރަނިކޮށް ފުލުހުންވަނީ އޭނާ ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުން ހުއްޓުވާފައިކަމަށް މަޢުލޫމާތުލިބެއެވެ. މީނާއަކީ ބ.ހިބަޅިދޫ ކައިރީ ކަނޑު އަޑިން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުންހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނުނު މައްސަލާގައި ދައުވާކޮށްފައިވާ މީހެކެވެ. އެހެން ނަމަވެސް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.