ތަޢުލީމު

" ނިމުނު އަހަރު ތަޢުލީމީ ގޮތުން ގިނަ ކާމިޔާބީތަކެއް ޙާސިލްކުރި "


ނިމިގެން މިދިޔަ
ދިރާސީ އަހަރަކީ، ތަޢުލީމީ ގޮތުން ވަރަށް ގިނަ ކާމިޔާބީތަކެއް
ޙާސިލްކޮށްފައިވާ އަހަރެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން
މިނިސްޓަރ ޑރ.އައިޝަތު ޝިހާމް މިހެން ވިދާޅުވީ، ދިރާސީ އަހަރު ނިމުމުގެ މުނާސަތުގައި ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ އައިޝަތު
ޝިހާމް ވިދާޅުވީ ދެވޭ ތަޢުލީމުގެ ފެންވަރު މަތިކޮށް، ތަޢުލީމީ، މަސައްކަތްތެރި
ހުނަރުވެރި ދަރިވަރުން ބިނާކުރުމަށް ނިންމަންޖެހޭ މުހިއްމު ނިންމުންތައްވެސް އެ މިނިސްޓްރީން
ނިންމަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ދިރާސީ އަހަރާއެކު
މަދަރުސީ ތަޢުލީމުގެ އާ މަންހަޖަކަށް ހިޖުރަކޮށްފައިވާކަން ފާހަގަކުރައްވާ
މިނިސްޓަރ ވިދާޅުވީ  ކީސްޓޭޖް 1 ގެ
ދަރިވަރުން މިދިރާސީ އަހަރު ކިޔަވަމުން ގޮސްފައިވަނީ މި މަންހަޖުގެ ދަށުން
ތައްޔާރު ކުރެވުނު މުޤައްރަރަށް އެކުލަވާލެވުނު ފޮތްތަކުންކަމަށެވެ. މީގެ
އިތުރުން، ފައުންޑޭޝަން ސްޓޭޖަށްވެސް އާ މުޤައްރަރެއް ކަނޑައެޅި، މިއަހަރު
ކިޔަވައިދޭން ފަށާފައިވާކަމަށް  މިނިސްޓަރ
ވިދާޅުވިއެވެ.

ރާއްޖޭގެ
އިގްތިސާދުގެ އިންޖީނު ހިންގުމަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް ކުރެވޭ
މަސައްކަތުގެ ތެރެއިން ސޯޅަސަތޭކައަށްވުރެ ގިނަ ޒުވާނުން މިހާރުދަނީ ތަމްރީނު ހޯދަމުންކަމަށް
ވިދާޅުވިއެވެ.

 ދަރިވަރުންގެ
ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގެ ދަށުން، ގްރޭޑް 1 ގައި ތަޢުލީމު
ހާސިލްކުރާ ދަރިވަރުންގެ ހެލްތު ސްކްރީނިންގ މިހާރުވަނީ ނިމިފައިކަމަށާއި ކުއްލި
ހާލަތުގައި ސްކޫލްތަކުގައި ޢަމަލުކުރާނެގޮތުގެ އުސޫލް ތައްޔާރުކޮށް،
ސްކޫލްތައްވަނީ އެ އުސޫލަށް އަހްލުވެރި ކުރެވިފައިވާކަމަށްވެސް  މިނިސްޓަރގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ސްކޫލްތަކުގެ
ޖާގައާއި ވަސީލަތްތައް ތަރައްޤީކުރުމަށް 432 މިލިއަން ރުފިޔާ މިއަހަރުވަނީ
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިކަމަށްވެސް ވިދާޅުވިއެވެ.

ތަޢުލީމުގެ ފެންވަރު
މަތިކޮށް، ތަރައްގީކުރުމަށް، މުދައްރިސުންގެ ފެންވަރު މަތިކުރުމަކީ މުހިއްމު
ކަމެއްކަމުން،  މުދައްރިސުންގެ މަގާމުގެ އާ
އޮނިގަނޑެއް އެކުލަވާލައި، މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް ސަރުކާރުން
ގެންނަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުދައްރިސުންގެ މަގާމުގެ އާ
އޮނިގަނޑުގައި، މުދައްރިސްކަމުގެ އެންމެ އަސާސީ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަން
ކަނޑައަޅައި، ޚިދުމަތުގައި ތިއްބެވި އެގާރަސަތޭކައަށްވުރެ ގިނަ މުދައްރިސުންވަނީ
ޑިޕްލޮމާ ފެންވަރަށް ތަމްރީނުކުރުމުގެ މަގުމަތީގައިކަމަށާއި މިއީ ފެންވަރު ރަގަޅު
ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަމަށްވެސް މިނިސްޓަރ
ވިދާޅުވިއެވެ.

ރައީސް ޔާމީންގެ
ތަޢުލީމީ ސިޔާސަތުގެ ދަށުން އެންމެކުއްޖަކުވެސް ބާކީނުކޮށް ތަޢުލީމާ، ތަމްރީނާ،
ތަރުބިއްޔަތުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ތަރައްޤީ ކުރަމުންދާކަމަށާއި
މަދަރުސީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކީ އިސްލާމީ އުސޫލްތައް ކުރިއަށްނެރޭ،
ގައުމަށް ފައިދާހުރި، ޚިދުމަތްތެރި ދަރިއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް
ކުރައްވަމުންދާކަންވެސް މިނިސްޓަރގެ ޚިތާބުގައި ފާހަގަ ކުރައްވާފައިވެއެވެ.