ޚަބަރު

ރާއްޖޭގެ ކަނޑުގެ 20 އިންސައްތަ ޙިމާޔަތްކުރަނީ


ރާއްޖޭގެ ކަނޑުތަކުގައިވާ ގުދުރަތީ ވަޞީލަތްތަކުގެ ތެރެއިން 20 އިންސައްތަ ޙިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ 2030 ވަނަ އަހަރާހަމައަށް ދާއިރު މިއަމާޒަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތއް މިހާރު ކުރިއަށްދާކަމަށެވެ.

ތިމާވެށީގެ ގޮތުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ދެމެހެއްޓެނި ގޮތެއްގައި ފަތުރުވެރިކަންކުރުމާއި ގުޅޭގޮތުން ބާއްވާ 5 ދުވަހުގެ ބައްދަލުވުން ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާމިނަތު ޝައުނާ ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުތަކަށްވާއިރު ރާއްޖޭގެ އިޤްތިސާދު ސީދާ ގުޅިފައި ވަނީ ކަނޑުތަކާކަމަށެވެ.

އެހެންކަމުން ކަނޑުތަކުގެ ރައްކާތެރިކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް 9 އަހަރުތެރޭގައި ކަނޑުތަކުގައިވާ ގުދުރަތީ ވަސީލަތްތަކުގެ ތެރެއިން 20 އިންސައްތަ ޙިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކުރައްވަމުންގެންދަވާކަމަށެވެ

"ފިޝަރީޒް މިނިސްޓްރީއާއި ގުޅިގެން 2030 ވަނަ އަހަރު އަންނަންވާއިރަށް ކަނޑުތަކުގެ ވަޞީލަތްތަކުގެ ތެރެއިން 20 އިންސައްތަ ޙިމާޔަތްކުރުމަށް މިދަނީ މަސައްކަތްކުރަމުން." މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް ޚާއްސަ ސިފަތަކެއް ލިބިފައިވާ ފަޅުތަކާއި ރަށްރަށުގައި ހުރި މިފަދަ ޚާއްސަ ތަންތަން ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ މިތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެގޮތުން ވަކި ޚާއްސަ އުސޫލުތަކެއްގެ ދަށުން މިތަންތަން ފަތުރުވެރިކަމުގެ ދާއިރާއަށް ހުޅުވާލާއިގެން މިއީ އިޤްތިސާދަށް ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާ އެކަންކަމަށް ކުރިއެރުން ލިބުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.

މިވަގުތުވެސް ރާއްޖޭގެ 73 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ފަރުތަކުގެ 10 އިންސައްތައާއި ޗަސް ބިންތަކުގެ ތެރެއިން 20 އިންސައްތައިގެ އިތުރުން ކޮންމެ އަތޮޅަކުން ޚާއްސަ ސިފަތަކެއް ލިބިގެންވާ އެއްރަށާއި ފިނޮޅެއް 2025 އަންނަވާއިރަށް ޙިމާޔަތްކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ސަސްޓެއިނަބަލް ޓޫރިޒަމްއިން ޕްރޮޓެކްޓެޑް އޭރިއާސްއަކީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއާއި އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗަރ އާއި ގުޅިގެން ކުރިއަށްގެންދާ 5 ދުވަހުގެ ބައްދަލުވުމުކެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މިބައްދަލުވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާތަކުން ބައިވެރިވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.