ކޯވިޑް ބަލީގައި ހާލު ދެރަވެ ފަރުވާދިނުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާދިސާގައި ފަރުވާތެރިކަމާއިއެކު ފިޔަވަޅު އެޅުނުނަމަ އެއީ ހިނގުން ނާދިރު ހާދިސާއެއް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިޝްކާގެ މަރުގެ މައްސަލަ ބެލުމަށްފަހު ހެލްތު މިނިސްޓްރީން ޢާއްމުކުރި ރިޕޯޓުގައިވަނީ މިޝްކާ އަށް ފަރުވާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެކަށީގެންނުވާ މިންވަރަށް ލަސްވުންތަކެއް ހުރިކަމަށެވެ.
އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މިމަހުގެ 2 ވަނަދުވަހު ނިޔާވީ ކޯވިޑަށް ޕޮޒިޓިވްވެ ޙާލު ސީރިއަސްވެ ފަރުވާދިނުން ލަސްވުމުގެ ސަބަބުންނެވެ. މިޝްކާގެ ހާލު ގޯސްވުމުން އެމްބިއުލާންސް ފޮނުވާދިނުމަށް އާއިލާއިން އެދުމުންވެސް އެމްބިއުލާންސް ފޮނުވާދީފައިވަނީ ދެ ގަޑިއިރު ފަހުންނެވެ.
މި ހާދިސާ ތަހުޤީގުކުރުމަށްފަހު ހެލްތް މިނިސްޓްރީން އާއްމުކުރި ތަފްސީލު ރިޕޯޓްގައި ވަނީ މި ހާދިސާގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ކޯލް ސެންޓަރާއި މިޝްކާގެ ހާލު ބެލި އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ)ގެ ޑޮކްޓަރުން އެންމެ ފުރިހަމައަށް ޒިންމާ އަދާކޮށްފައި ނުވާކަމަށްވެސް މި ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މި ފަދަ ހާލަތެއްގައި ދޭންޖެހޭ ސީރިއަސްކަން ދެވިފައިނުވާއިރު އެއްވެސް ހިސާބަކުން މި ކޭސް ލޮގްކޮށް ސަމާލުކަންދޭންޖެހޭ މިންވަރަށް ސަމާލުކަން ދީފައިނުވާކަމަށްވެސް ހެލްތް މިނިސްޓްރީގެ ތަފްސީލު ރިޕޯޓްގައިވެއެވެ.
މިޝްކާގެ ޙާލަތު އެންމެ ފުރަތަމަ އެންގި ހިސާބުން ސީރިއަސްކަމެއް ދީގެން ވަގުތު އޮތްވާ ބަލަންޖެހޭ ވަރަށް ބެލިނަމަ މިއީ ހިނގުން ނާދިރު ހާދިސާއެއްގެ ގޮތުގައި ހެލްތު މިނިސްޓްރީގެ ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. އަދި މިކަމުގައި އިހުމާލުވާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަންވެސް މިނިސްޓްރީގެ ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.
މިރިޕޯޓުގައިވަނީ އެޗްއީއޯސީގައި ކަންކަންކުރުމަށް ހުރި ޕްރޮސެސް ފްލޯތަކާއި އެކުލަވާލާފައިވާ އުސޫލުތަކުގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ހަމައެއާއެކު އެޗްއީއޯސީގައި ގިނައިން މަސައްކަތްކުރަނީ ވޮލަންޓިއަރުންކަމަށާއި އެފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ދެވިފައިނުވާކަން މިރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ހަމައެއާއެކު އެޗްއީއޯސީގެ އޮޕަރޭޝަންގައި ފަންނީ ލަފާއާއި އެހީދިނުމަށް ތިބި ސްޕެޝަލިސްޓުން މަދުކަންވެސްވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން ކަމާ ގުޅުންހުރި 28 މީހަކާއި އިންޓަވިއުކޮށް މައުލޫމާތު އެއްކޮށް ގިނަޢަދަދެއްގެ ލިޔެކިޔުން ބަލާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށްވެސް ރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.
މިހާދިސާ ދިމާވުމަށް މެދުވެރިވި އެކިއެކި ކަންކަމަކީ ފެށުނީއްސުރެން ސިސްޓަމްގައި ހުރި މައްސަލަތަކެއް ކަމަށާއި، މީގެ ކުރިން ކޯވިޑްގެ ކޭސްތަކުގެ އަދަދު ހިފެހެއްޓިފައި ހުރުމުގެ ސަބަބުން މިމައްސަލަ ފެންމަތި ނުވިނަމަވެސް ކޭސްތަކުގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެގެން ދިއުމުގެ ސަބަބުން މައްސަލަތައް ފާހަގަކުރެވިގެން ގޮސްފައިވާތީ އެކަންކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން އާއްމުކުރި މިރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.
މިޝްކާ ނިޔާވެފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނުތާ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓުތެރޭގައެވެ. މިޝްކާގެ ހާލު ގޯސްވެ އެމްބިއުލާންސް ފޮނުވާދިނުމަށް އާއިލާއިން ތަކްރާރުކޮށް ގުޅުމުން އެމްބިއުލާންސް ފޮނުވިކަމަށް ކޯލް ސެންޓަރުން ބުނިނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާކަން މިޝްކާގެ މަރާއި ގުޅިގެން ހެދި ރިވިއުން އެގެއެވެ. އަދި އެމްބިއުލާންސް ފޮނުވީ އެކަން ލަސްވެގެން އާއިލާ މީހަކު ދަރުބާރުގެއަށް ދިޔަ ފަހުންކަމަށާއި އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ވަނީ ހޭދަވެފައެވެ.
މިޝްކާގެ މަރާއި ގުޅިގެން މިފަދަ ހިތާމަވެރި ކަމެއް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ބައެއް ބަދަލުތައް ވަގުތުން ވަގުތައް ވަނީ ގެނެސްފައެވެ. އިމަޖެންސީ ހާލަތުގައި އެމްބިއުލާންސަށް އެދެފިނަމަ އެ ބޭނުންވާ ހިދުމަތް ދިނުމަށް އެމްބިއުލާންސް ފޮނުވަންޖެހޭ އިންތިޒާމުތައް ހަމަޖައްސާ އިމަޖެންސީ މެޑިކަލް ސާރވިސް ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖައްސާ އެކަމަށް ވަކި ނަމްބަރެއް ކަނޑައަޅާ އެކަން ވަނީ ތައާރަފުކޮށްފައެވެ.