އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން މަޤާމު ހުސްވެފައިވާތީއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައިމަހުގެ 6 އަދި 7 ވަނަ ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު 12:30 އާއި ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ.
މިހާރު މިމަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީސް ރިސެޕްޝަނުން ލިބެން ހުންނާނެކަމަށާއި އަދި ރައީސް އޮފީސް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއެކު މެމްބަރުކަމަށް ކުރިމަތިލާ މީހާގެ އިޤުރާރު އަދި އެމީހެއްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ހުށައަޅަންޖެހެއެވެ.
ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހުގައެވެ.