ޖެކީ ޗޭން، ޖެޓް ލީ، ބްރުސްލީ ފަދަ ތަަރިން ގޮތަށް މާޝެލް އާޓްސްއިން މަގްބޫލުކަން ހޯދާފައިވާ ވިދުޔަތް ޖަމްވާލް ހޮލީވުޑަށް ދާން ތައްޔާރުވެއްޖެއެވެ.
މިދިޔަ އަހަރު ދެއްކި އެކްޝަން ތްރިލަރ ފިލްމު "ހުދާ ހާފިޒު" ން އެންމެ ފަހުން ފެނިގެންދިޔަ ތަރި ވިދުޔަތް ވަނީ ހޮލީވުޑްގެ އެންމެ ނަން ހިނގާ ޓެލެންޓް މެނޭޖްމަންޓް އޭޖެންސީ ވޮންޑަރ ސްޓްރީޓާއި އެކު މަސައްކަތް ކުރަން ސޮއިކޮށްފައެވެ. މިއާއެކު ވިދުޔަތް ވެފައިމިވަނީ އެ އެޖެންސީއާއިއެކު ސޮއިކުރި ފުރަތަމަ ބޮލީވުޑް ތަރިއެވެ.
ވޮންޑަރ ސްޓްރީޓުން މިހާރުވެސް މެނޭޖްކުރާ ތަރިންގެ ތެރޭގައި ޓޯނީ ޖާ، މިޝައިލް ޖައި ވައިޓް އަދި ޑޯލްފް ލުންޑްގްރެން ފަދަ އެކްޝަން ތަރިން ހިމެނެއެވެ.
ވިދުޔަތް ވަނީ އެނާގެ ޗެޓް ސެގްމެންޓް "އެކްސް ރޭޑް ބައި ވިދުޔަތް" މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި މާޝެލް އާޓްސްއަށް ޝައުގުވެރިކަން ހުންނަ ތަރިންނާއި ވާހަކަ ދައްކާފައެވެ. މިވަގުތު މާޝަލް އާރޓްސްގެ ވައްތަރެއްކަމަށްވާ ކަލާރި ޕަޔާޓޫ ހަދަމުން އަންނަ ވިދުޔަތަށް ހޮލީވުޑުން މިވަނީ އެކަން ތަޖުރިބާކުރަން ރަގަޅު ފުރުޞަތެއް ދީފައެވެ.
ވަރުގަދަ ފިޓް ހަށިގަނޑެއް ލިބިފައިވާ ވިދުޔަތު ބޮލީވުޑަށް ތައާރަފުވީ 2011 ވަނަ އަހަރު ނުކުތް ޖޯން އަބްރަހަމްގެ "ފޯސް" އިންނެވެ. އެ ފިލްމުގައި ވިދުޔަތު ފެނިގެންދިޔައީ ނުބައިބައި ރޯލުންނެވެ. އެހެންނަމަވެސް އެއަށްފަހު ލީޑްރޯލުން ޖާގަ ހޯދާ ކާމިޔާބު ފިލްމުތަކުން ވަނީ ފެނިގެންގޮސްފައެވެ.
"ކޮމާންޑޯ" ސީރިޒް ، "ޚުދާ ހާފިޒް" އަދި "ޖަންގްލީ" އިން ވިދުޔަތްވަނީ ރަނގަޅު ކާމިޔާބެއް ހޯދާފައެވެ. މިއަހަރު އޭނާ ވަނީ އަމިއްލަ ބެނާރ އެއްކަމަށްވާ އެކްޝަން ހީރޯގެ ބެނާރގައި ފިލްމު ޕްރޮޑިއުސްވެސް ކުރަން ފަށާފައެވެ. އަދި ހޮލީވުޑްގެ ބައެއް ޕްރޮޑަކްޝަން ހައުސްތަކާއިވެސް އެނާ ވަނީ ވާހަކަ ދައްކާފައެވެ.
ވިދުޔަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަނަކް" އަދި "ޚުދާ ހާފިޒް" ގެ ދެވަނަބައި ހިމެނެއެވެ.