ޓުއަރިޒަމް

މަސައްކަތް ކުރިއަށްނުދާ ރިސޯޓްތައް ބަލަން ފަށައިފި


ރިސޯޓްތައް ހެދުމަށް
ދޫކުރައްވާފައިވާ ފަޅުތަކާއި ރަށްތަކުގެ ތެރެއިން މަސައްކަތް ފެށުމަށްފަހު،
ހުއްޓިފައިވާ ރަށްތަށް ބެއްލެވުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓަރ ފަށްޓަވައިފިއެވެ.



ޕީ.އެސް.އެމްއަށް
ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިއީ
އެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބައްލަވައި، މަސައްކަތް ހުއްޓިފައި ހުރި
ސަބަބުތަކާއި ދަތިތައް ދެނެގަނެ، އެފަދަ ތަންތަން ނިންމުމަށް މިނިސްޓްރީގެ ފަރާތުން ވެދެއްވެން ހުރި
އެހީތެރިކަމެއް ވެދެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެއް ކަމަށެވެ.




ޓުއަރިޒަމް މިނިސްޓަރ
މޫސާ ޒަމީރު ވިދާޅުވީ މަސައްކަތް ފެށިނަމަވެސް އެ މަސައްކަތްތައް ކުރިއަށް
ނުދެވިވާ ސަބަބުތަކުގެ ތެރޭގައި ފައިނޭންސް ލިބުމުގެ ދަތިކަމާއި، ލޮޖިސްޓިކްސް
އާއި ދަތުރުފަތުރުފަދަ ކަންތައް ފާހަގަކުރެވިފައިވާ
ކަމަށެވެ.



މިނިސްޓަރ ވިދާޅުވީ
މިހާރު ކޮންމެވެސް ވަރަކަށް މަސައްކަތް ފެށިފައި ހުރި 140 ރިސޯޓް
ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން އާ ރިސޯތްތައް ހެދުމުގެ ބަދަލުގައި އަމާޒަކީ
މިހާރު މަސައްކަތް ފެށިފައި ހުރި ރިސޯތްތައް އަވަހަށް ނިންމުންކަމަށެވެ.



އެހެންނަމަވެސް އާ
ރިސޯޓްތަކަށް ބިޑްކުރުންވެސް ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ
ސަރުކާރުން މި މަސައްކަތްތައް ނިންމުމަށް އެހީތެރިވެދެއްވަމުން ގެންދަވާކަމަށާއި، މިގޮތުން ރިސޯޓްތައް ހެދުމަށް މަސައްކަތްތައްފަށާ ނަމަވެސް
ނުނިމި ހުރި ރަށްތަކާއި ފަޅުތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް، ފައިނޭންސް
ހަމަޖައްސައިދެއްވުމަށް ބޭންކްތައް މެދުވެރިކޮށް އެހީވެ ދިނުމުގެ މަސައްކަތް
ކުރައްވަމުންދާކަމަށެވެ.



އެގޮތުން 4% އަށްވުރެ
ދަށްކޮށް އިންޓްރެސްތް ހުންނަ ލޯންތަކަށް ސީދާ ސަރުކާރުން އެއަށް ގެރެންޓީ ދެވޭނެ
އުސޫލެއްވެސް ކަނޑައެޅިފައިވާކަމުގައި ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ
އެއަރޕޯޓްގައި އާރަންވޭއަކާއި އާ ޓާރމިނަލެއް ހެދިހިގެންދާއިރު އެއަރޕޯތަށް އަންނަ
ފަސިންޖަރުންނަށް ތިބެވޭނެ ބެޑް ކެޕޭސިޓީ އިތުރުކުރެވެން ޖެހޭކަމަށެވެ. އަދި
ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭ ޓުއަރިޒަމް އިކޮނޮމީ ޑައިވާރސިފައި
ކުރެވޭނެކަމަށާއި އެހެންކަމުން މި އިންޑަސްޓްރީގެ ފަރާތްތަކާއި ގުޅިގެން މި
އިންޑަސްޓްރީ ކުރިއެރުވުމުގެ މަސައްކަތްކުރަންޖެހޭކަމަށެވެ.