ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ލިއޮނަލް މެސީގެ ދެ ގޯލާ އެކު 4-1 އިން ބޮލިވިއާ ބަލިކޮށް އާޖެންޓީނާ އިން ގްރޫޕްގެ އެއް ވަނަ ހޯދައިފިއެވެ.
މެޗު ފަށައިގެން ހަ މިނިޓް ތެރޭ އާޖެންޓީނާއިން ވަނީ ލީޑުނަގާފައެވެ. މި ގޯލު މެސީ ދިން ބޯޅައަކުން ކާމިޔާބުކުރީ ޕާޕޫ ގޯމޭޒްއެވެ. މެޗުގެ 31 ވަނަ މިނިޓްގައި އާޖެންޓީނާގެ ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން މެސީއެވެ. މިއީ ޕާޕޫ ގޯމޭޒް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ބޮލިވިއާ އިން ގޯލެއް ޖެހިއެވެ. މެޗުގެ 60 ވަނަ މިނިޓްގައި ލިއޯނެލް ޖަސްޓިނިއާނޯ ދިން ބޯޅައަކުން މި ގޯލު ޖެހީ އާވިން ސާވެޑްރާއެވެ. ބޮލިވިއާ އިން ގޯލު ޖެހިތާ ފަސް މިނިޓް ތެރޭ އަކޫނިއާ ދިން ބޯޅައަކުން ލައުޓާރޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ގޯލު ޖަހައިފއެވެ. ރޭގަ މެސީ ޖެހި މި ދެ ގޯލާއެކު މި ފަހަރުގެ ކޮޕަ އެމެރިކާގައި އޭނާ ވަނީ ތިން ގޯލު ޖަހައިފައެވެ.
މެސީ އަކީ މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިޔާއެވެ. މި މެޗަކީ އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ކުޅެދިން 148 ވަނަ މެޗެވެ. މިއާއެކު މެސީއަށް ވަނީ އާޖެންޓީނާއަށް އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ލިބިފައެވެ.
*****************