ގެވެށި އަނިޔާއާ ދެކޮޅަށް ރާއްޖޭއިންކުރަމުންދާ މަސައްކަތަށް އެހީވުމަށް ޕާކިސްތާނު ސަރުކާރުން 2.9 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ޕާކިސްތާނު ސަރުކާރުން ވެދިން ފައިސާގެ އެހީގެދަށުން ރާއްޖޭގައި ކުރިއަށްގެންދާ ގެވެށި ގުޅުން ޕްރޮގްރާމް އިތުރަށް ފުރިހަމަކުރެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިތުރުވެފައިވާ ގެވެށި އަނިޔާގެ މައްސަލަތައް ޙައްލުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން އަންނަނީ ގެވެށި ގުޅުންގެ ނަމުގައި ޚާއްސަ ޙަރަކާތެއް މުޅި ރާއްޖޭގައި ކުރިއަށްގެންދަމުންނެވެ. ކޯވިޑްގެ ސަބަބުން އަދި އެކަށީގެންވާ ފަންޑު ނެތުމުގެ ސަބަބުން މިޙަރަކާތް މިހާރު ކުރިއަށްގެންދަނީ އޮންލައިން އެކި ޕްލެޓްފޯމްތަކުގައި މީހުން ހޭލުންތެރިކުރުވުމަށެވެ. ޕާކިސްތާނު ސަރުކާރުން ރާއްޖެއިން ގެވެށި އަނިޔާއާ ދެކޮޅަށް ކުރިއަށްގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންވަނީ 3 މިލިއަން ދިވެހި ރުފިޔާ ހަދިޔާކޮށްފައެވެ.
މީގެ ދަށުން ގެވެށި ގުޅުން ޕްރޮގްރާމް މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ގިނަ ޙަރަކާތްތަކެއް އިންތިޒާމުކުރުމާއި އަނިޔާ ލިބޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި ޕޮޒިޓިވް ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ބާރުއެޅުމަށް މަގުފަހިކުރުމުގެ މަސައްކަތަށްވެސް މިފައިސާގެ ބޭނުންކުރުމަށްވަނީ ހަމަޖެހިފައިކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.
ޕާކިސްތާނު ސަރުކާރުން ދެއްވި އެހީއާއި ޙަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ ޢާއިޝާ ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެތައް މައްސަލަތަކެއްގެ މައިގަނޑުކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް 200 އެއްހައި މައްސަލަ މިނިސްޓްރީއަށް ހުށަހެޅޭކަމަށެވެ.
"އަހަރެއްގެ މައްޗަށް 200 މައްސަލަ ހުށައެޅޭއިރު އޭގެ 82 އިންސައްތައަކީ އަންހެނުންނަށް ލިބޭ އަނިޔާގެ މައްސަލަތައް. މިމައްސަލަތަކުގެ ސަބަބުން އުފާވެރި ޢާއިލާއެއް ބިނާކޮށް ހަމަޖެހޭ މުޖުތަމަޢެއް ޤާއިމުކުރުމަށް އެތައް ހުރަހެއް ކުރިމަތިވޭ." މިނިސްޓަރު ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން އޮތް ލޮކްޑައުންއަށް ދިން ލުއިތަކާއެކު ގިނަ ޢަދަދެއްގެ ގެވެށި އަނިޔާގެ ކޭސްތަކެއް ރިޕޯޓުކުރަން ފެށުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީންވަނީ ގެވެށި ގުޅުމުގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ.
ރާއްޖޭގެ ފަރާތުން ފައިސާގެ މިއެހީގައި ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. ޕާކިސްތާނުގެ ފަރާތުން ފައިސާގެ އެހީ ރާއްޖެއަށް ޙަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތާރު މުޚްތާރެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ މަލްޓިލޭޓްރަލް ޑރ.ޙާލާ ޙަމީދުވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.