ޚަބަރު

މިއަދު ޕޮޒިޓިވްވީ 138 މީހުން، މާލެއިން 13 މީހުން


ރާއްޖެއިން އިތުރު 138 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 351 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބަށް ބަލާއިރު އަންގާރަ ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް 138 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިއިރު އޭގެތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ. ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 105 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހަކާއި ސިނާޢީ ރަށްރަށުން ޕޮޒިޓިވް 13 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 73،798އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްދާން ފަށާފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައްދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށްވަނީ ދަށްވެފައެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސްދަނީ މަދުވަމުންނެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3602 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 28 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 351 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 69،974 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 4،923 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 210 މީހުންވަނީ ނިޔާވެފައެވެ.