ވިޔަފާރި

ބޮޑެތި އިންވެސްޓްމަންޓްތަކާ އެކު ގިނަ ވަޒީފާތަކެއް އިތުރުވާނެ


ކުރިއަށް އޮތް ދެ
އަހަރު ނުވަތަ ދޮޅު އަހަރުގެ ތެރޭގައި 2.5 ބިލިޔަން ޑޮލަރުގެ ޕްރައިވެޓް
އިންވެސްޓްމަންޓްސް ރާއްޖޭގައި ހިނގައިގަންނާނެކަމަށާއި މިއާއިއެކު ވަރަށް ގިނަ
ވަޒީފާތަކެއް އިތުރުވެގެންދާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.



މިނިސްޓަރ އޮފް
ޓޫރިޒަމް މޫސާ ޒަމީރު ވަނީ، މި ހުޅުވޭ ވަޒީފާގެ ފުރުސަތުތަކަށް ތައްޔާރުވުމަށް ރާއްޖޭގެ
ޒުވާނުންނަށް ގޮވާލައްވާފައެވެ.



ޕީ.އެސް.އެމްއަށް
ދެއްވި ބަސްދީގަތުމެއްގައި ޓުއަރިޒަމް މިނިސްޓަރ މުސާ ޒަމީރު ވިދާޅުވީ އެމިނިސްޓްރީގެ އާމާޒަކީ
ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމެއް ދެއްވައިގެން މިހާރު ނުނިމި ހުރި
ރިސޯޓްތައް ވީހާވެސް އަވަހަށް ނިންމުންކަމަށެވެ. އަދި މި ރިސޯޓްތައް ނިމި ހިންގަން
ފެށުމާއެކު  ވަޒީފާގެ ގިނަ ފުރުސަތުތަކެއް
ހުޅުވިގެންދާނެކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ. ރިސޯރޓްތަކުގެ
ވަޒީފާތަކަށް ބިދޭސީ މީހުން ގެންނަން ޖެހޭނީ ދިވެހި ޒުވާނުން
ކުރިމަތިނުލާތީކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމުގެ
ފުރުސަތު ރާއްޖޭގައި ފަހިވެފައިވާއިރު އެ ފުރުސަތުތައް ބޭނުން ހިފާ ދިވެހި ޒުވާނުން ރިސޯރޓް ވަޒީފާތަކަށް ނުކުތުމަށް
މިނިސްޓަރ ޒަމީރު ގޮވާލެއްވިއެވެ.



މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު
ދާދި ފަހުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ރިސޯޓްތައް ހެދުމަށް
ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ތެރެއިން މަސައްކަތް ފެށުމަށްފަހު، ހުއްޓިފައިވާ
ރަށްތަކަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ރިސޯރޓް ތަރައްގީ ކުރާ ފަރާތަކަށް
ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވާ ސަރުކާރުން ވެދެވެން އޮތީ ކޮން
އެހީތެރިކަމެއްތޯ އެމަނިކުފާނު ބައްލަވާފައިވެއެވެ.



މި ހަފްތާގައި ޓުއަރިޒަމް
މިނިސްޓަރ ކުރެއްވި މި ދަތުރުތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި ނިމޭނެކަމަށް
ފާހަގަކުރެވޭ ރިސޯޓްތަަކަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. އޭގެ ތެރޭގައި ޅ
އަތޮޅުގެ ދެ ރިސޯޓަކާއި، ދ. އަތޮޅުގެ ދެ ރިސޯޓް ހިމެނެއެވެ. ދ އަތޮޅުގެ ދެރިސޯޓްގެ
ތެރެއިން 64 އެނދުގެ ދޫރެސްގެ 97 އިންސައްތަ ނިމިފައިވާއިރު މިމަހުގެ 28ހާތާނގައި
އެ ރިސޯޓްހުޅުވުމުގެ މަސައްކަތް ކުރިއަށްދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި 172 އެނދުގެ ރެސިޑެންސީ ރިސޯޓް މޯލްޑިވްސްގެ 50 އިންސައްތަ ނިމިފައިވާއިރު މި
ރިސޯޓް އަންނަ އަހަރުގެ ސެޕްޓެންބަރއަށް ނިންމުމަށް އާމާޒުކޮށްފައިވާކަމަށްވެސް
މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ދެވެން ހުރި އެހީތެރިކަމެއް ދެއްވައިގެން
މި ރިސޯޓްވެސް ސެޕްޓެންބަރގެ ކުރިން ހުޅުވޭތޯ މަސައްކަތްކުރައްވާނެކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.