ކުޅިވަރު

އެންމެފަހުން ޓޮޓެންހަމްގެ ކޯޗަކަށް ނޫނޯ


ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ވުލްވްސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަވާލުވެއްޖެއެވެ. ނޫނޯއާ ޓޮޓެންހަމް ހަވާލުވުމުގެ ކުރިން އެ ކްލަބުން ވަނީ ގިނަ ކޯޗުންތަކަކާ މަޝްވަރާކޮށްފައެވެ.

ޓޮޓެންހަމުން މަޝްވަރާކޮށްފައިވާ ކޯޗުންގެ ތެރޭގައި އިންޓަގެ ކޯޗުކަމުން ވަކިވި އެންޓޯނިއޯ ކޮންޓޭ، ކުރު މުއްދަތެއްގެ ތެރޭގައި ނަޕޯލީ އާއި ފިއޮރެންޓީނާގެ ކޯޗުކަން ދޫކޮށްލި ގެނާރޯ ގަޓޫސޯ، ރޯމާ އިން ވަކިވި ޕައޮލޯ ފޮންސޭކާ، ޔުވެންޓަސްއާ ހަވާލުވި މަސިމޯ އެލެގްރީ، ބަޔާން މިއުނިކާ ގުޅުނު ހޫލިއަން ނާގްލްސްމަން، ބަޔާން ދޫކޮށް ޖަރުމަނު ގައުމީ ޓީމަށް ބަދަލުވި ހެންސީ ފްލިކް، އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް، ޕީއެސްޖީގައި ހުރި ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، ސެވިއްޔާގައި ހުރި ހޫލެން ލެޕޮޓީގް، ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް، ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒް އަދި ފުލަމް ދޫކޮށް ދާދި ފަހުން ބޯންމައުތާ ހަވާލުވި ސްކޮޓް ޕާކާ ހިމެނެއެވެ.

ވުލްވްސް އިނގިރޭސި ދެ ވަނަ ޑިވިޝަނުން ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދީ ނޫނޯ ވަނީ އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގައި ވެސް ވާދަކޮށްފައެވެ. މިދިޔަ ސީޒަނަށް ފަހު ނޫނޯ ވުލްވްސް ދޫކޮށްލަން ނިންމީ އެ ޓީމު ލީގުގެ 13 ވަނައިގައި ނިންމާލަން ޖެހުމުންނެވެ.