ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ އަދަދު އެއް މިލިއަނަށް ރުފިޔާކަމަށް ސްޕްރީމްކޯޓުން ކަނޑައަޅައިފިއެވެ. އެކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު ގައެވެ.
ޝަރީއަތް ކުރުމާއި ބެހޭ ޤައިވަދުގެ ދަށުން ރާއްޖޭގައި މަރުގެ ދިޔައިގެ މިންވަރެއް ކަނޑައެޅި 1995 ވަނަ އަހަރުއެވެ. އެއަށްފަހު މިހާތަނަށްވެސް މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގެ ނަގައިދެމުން އައީ 100،00 (އެއް ލައްކަ ) ރުފިޔާއެވެ. އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މަރުގެ ދިޔައިގެ ގޮތުގައި ނަގާއިދޭ މިންވަރު މިއަށްވުރެ އިތުރުވެފައި އެބަ ހުއްޓެވެ. އިސްލާމީ ޝަރީއަތަށް ރިޔާއަތްކޮށް މިހާތަނަށް މަރުގެ ދިޔައިގެ ގޮތުގައި އެންމެ ބޮޑުކޮށް ރާޢްޖޭގައި ނަގާދައިފައިވަނީ 133،000 ( އެއްލައްކަ ތެއްތިރީސް ހާސް ) ރުފިޔާއެވެ.
އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 100 ޖަމަލެވެ. އެހެންނަމަވެސް އިސްލާމީ ޤައުމުތަކުގައި މިހާރު މަރުގެ ދިޔަ ނަގައިދިނުމުގައި ނަގަމުން އަންނަނީ އޭގެ އަގަށްވާ ފައިސާއެވެ. އަދި މި އަދަދު މުރާޖާކޮށް ބަދަލުކުރަމުންވެސް ގެންދެއެވެ.
މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް ބަދަކލު ގެނެސް ސުޕްރީމްކޯޓުން އަލަށް އެކުލަވާލި އުސޫލުގައި ވަނީ މަރެއްގެ ދިޔަ ދޭންޖެހޭ ހާލްތަަކުގައި އެންމެ ކުޑަކޮށް މިންވަރަކީވެސް އެއް މިލިއަން ރުފިޔާކަމަށެވެ. އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރިއަތުގައިވާ ގޮތުގެ މަތިން ކައްފާރާއެއްގެ ގޮތުގައި ހަނދު މަހުން ޖެހިޖެހިގެން ދެމަހު ރޯދަ ހިފަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ.
ޝަރީއަތުން މަރުގެ ދިޔަ ކަނޑައެޅުމަށްފަހު މަރުވި މީހާގެ ވާރިސުންނަށް ލިބިދިނުމަށް އެ ފައިސާ ވަކި މުއްދަތއްގައި ސިވިލްކޯޓަށް ދެއްކުމަށް ގާތިލްގެ މައްޗަށް އަންގަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ.
މަރުގެ ދިޔައަކީ މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ އާއިލާއަށް ގާތިލުގެ އަތުން ނަގައިދޭ ފައިސާއެވެ. ގަސްދު މަރާއި ގަސްދަކާއި ނުލާ މީހަކު މަރާލެވޭ ހާލަތްތަކާއި އިހުމާލެއްގެ ސަބަބުން މީހަކު މަރުވާ ހާލަތްތަކުގައިވެސް ވާރިސުން އެދޭނަމަ މަރުގެ ދިޔަ ނަގައިދޭންޖެހެއެވެ.
ސުޕްރީމް ކޯޓުން އެކުލަވާލީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުގައި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ތިން ކުށްކަމުގައިވާ ޒިނޭކުރުމާއި ގަޒުފުގެ ކުށާއި ބަންގުރާއި ބުއިމުގެ ކުށަށް އުގޫބާތު ކަނޑައަޅާނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ.
ޒިނޭގެ ކުށް ސާބިތުވެއްޖެނަމަ އެމީހެއްގެ މައްޗަށް 100 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރުން 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ. ގަޒުފުގެ އަދަބަކީ 80 އެތި ފަހަރުން ހައްދު ޖެހުމާއި ޤާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބެވެ. ބަނގުރާ ބުއިމުގެ ކުށް ސާބިތިވެއްޖެނަމަ 40 އެތި ފަހަރުން ހައްދު ޖަހާ ޤާނޫނުލް އުގުބާތުގައިވާ އަދަބު އެމީހަކަށް ދޭންޖެހޭނެއެވެ.