ޚަބަރު

"އަހުލު" ޕްރޮގްރާމްގެ ދަށުން 19 ޢާއިލާއެއް އަމިއްލަ ރަށަށް


އަހުލު ޕްރޮގްރާމްގެ ދަށުން 19 ޢާއިލާއެއްގެ 64 މީހަކު އަމިއްލަ ރަށަށް ބަދަލުކޮށްފިއެވެ.

މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 27 ޢާއިލާއަކުން ރަށަށް ދިޔުމަށް އެހީއަށް އެދިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅިގެން ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކު އަމިއްލަ ރަށަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް 27 ޢާއިލާއަކުން ރަށަށް ބަދަލުވުމަށް އެދިފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ވިދާޅުވެއެވެ. މީގެތެރެއިން 17 ޢާއިލާއެއްގެ 64 މެމްބަރަކު މިހާރު ރަށަށް ފޮނުވާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރަށަށް ބަދަލުވުމަށް ސަރުކާރުގައި އެދުނު ފަރާތްތަކަށް އަންނަނީ އިންޓްރެސްޓްއަކާއި ނުލައި 20000 ރުފިޔާގެ ލޯނެއް ދޫކުރަމުންނެވެ. 3 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަންޖެހޭ މިލޯންގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 12 މަސްދުވަހެވެ. މީގެއިތުރުން އެސްޓެބްލިޝްމަންޓް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 3000 ރުފިޔާ 6 މަސް ދުވަސްވަންދެން ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެހީއަށް އެދުނު ޢާއިލާތަކުގެ ތެރެއިން 12 ޢާއިލާއަކަށް 3 މަސްދުވަހުގެ އެސްޓެބްލިޝަމަންޓް އެލަވަންސް މިހާރު ޙަވާލުކޮށްފައިވާކަމަށެވެ. އަދި 7 ޢާއިލާއަކަށް މިފައިސާ 6 މަސްދުވަހުގެ މުއްދަތަކަށް ދީފައިވާކަމަށާއި މި 7 ޢާއިލާއަށް ލޯންގެ ގޮތުގައި 20 ހާސް ރުފިޔާވެސް ދީފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިވަގުތު 8 ޢާއިލާއަކަށް ލޯންއާއި އެލަވަންސް ހަމަޖެއްސުމުގެ މަސައްކަތްކުރިއަށްދާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ އެހީގައި ރަށަށް ބަދަލުވާ ޢާއިލާތަކުގެ ސިއްޙީ ކަންކަމާއި ތަޢުލީމާއި ވަޒީފާގެ ފުރުސަތާއި ދިރިއުޅުމުގެ އެހެން އަސާސީ ކަންކަން މިއެހީއާއެކު ހަމަޖެހިގެންދާނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުމާއި ޢާމްދަނީއަށް އަސަރުކުރުމުގެ އިތުރުން ކުލި ދެއްކުމުގައި ދަތިތައް ކުރިމަތިވެ ބައެއް ޢާއިލާތަކުން ވަނީ އަމިއްލަ ރަށަށް ބަދަލުވާން ނިންމާފައެވެ. މިގޮތުން ބައެއް ޢާއިލާ ތަކަށް އެންމެ ފުރަތަމަ ބުރުގައި ސަރުކާރުގެ ލޯނާއި ނުލައި ވަނީ އަމިއްލަ ރަށަށް ފޮނުއްވާފައެވެ. އެގޮތުން 10 ޢާއިލާއެއް މިއެހީއާއި ނުލާ ރަށަށް ގޮސްފައިވާކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ.

"އަހުލު" ޕްރޮގްރާމްގެ ދަށުން ރަށްރަށަށް ފޮނުވާ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް ޚާއްސަ އެސެސްމަންޓެއް ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން ކުރިއަށްގެންދާނެކަމަށް އެމިނިސްޓްރީން ވަނީ ހާމަކުރައްވަފައެވެ.