ޚަބަރު

ވެކްސިން ފުރިހަމަކޮށް ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުން ނެގެޓިވް ނަތީޖާއާއެކު ދޫކޮށްލެވޭނެ: އެޗްޕީއޭ


ރަށްރަށުގައި މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުން ޕީ.ސީ.އާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރުމާ ގުޅިގެން މިހާރު ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކާއި އެ ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންވެސް ޕީ.ސީ.އާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެކަމަށެވެ.

އަދި ރާއްޖެއިން ބޭރުން އައިސްފައިވާ ކަރަންޓީންވެފައިވާ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޯވިޑް-19 އިމަރޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، އަދި ކަރަންޓީނުގެ 7 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީ.ސީ.އާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެކަންވެސް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކާއި ކޯވިޑަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާމީހުން މާލެއިން ރަށްރަށަށްދާއިރު ކަރަންޓީން ވާން ނުޖެހޭނެކަން ހާމަކޮށް ސަރުކާރުންވަނީ ފިޔަވަޅުތަކަށް ލުއިދީފައެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށްދިއުމާއެކު، މާލެ ސަރަހައްދުގައި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިއޮތް ކާފިއުވަނީ އުވާލާފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ރާއްޖެއިން އަލަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 139 މީހުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 26 ކޭސް ރިޕޯޓުކުރިއިރު، ރަށްރަށުން ރިޕޯޓުކޮށްފައިވަނީ 81 ޕޮޒިޓިވްކޭސްއެވެ.