ޚަބަރު

ޢަލީ ވަޙީދުގެ އޮންލައިން ޝަރީޢަތާ ގުޅޭ އިސްތިއުނާފު މައްސަލަ ނުބެލޭނެކަމަށް ހައިކޯޓުން އަންގައިފި


ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގައި ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލަ އެކޯޓުން ބާޠިލުކޮށްފިއެވެ.

މިމައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޕީޖީ އޮފީހުންވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ އަލީ ވަޙީދު ބަންދުކޮށްގެން ނަމަވެސް އޭނާ ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ހައިކޯޓުގައި އެދިފައެވެ.

މިމައްސަލައިގައި ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނަށް އަމާޒުކުރުމަށްފަހުވަނީ އެމައްސަލައާމެދު ގޮތެއްނިންމެވުމަށްފަހު ކޯޓުން އަންގާނެކަމަށެވެ. އެގޮތުން ހައިކޯޓުން ނިންމި ނިންމުމުގައިވަނީ އަލީ ވަހީދަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށް ކަނޑައަޅައި ޕީޖީން ހުށައަޅާފައިވާ ދަޢުވާގެ ޤަޟިއްޔާގެ ދަޢުވާފޯމު ބާޠިލުކޮށްފައިވާކަމަށެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކުރުމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންވަނީ މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި ޢާލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު މައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަޤްސަދެއްގައިތޯ ސުވާލުކުރައްވާފައެވެ.

ރައްދުގައި ދަޢުލަތުގެ ވަކީލުން ވިދާޅުވީ ކޯޓުތަކުގެ އިޚްތިސާސް އޮންނަ ސަރަހައްދަށް މައްސަލައިގައި ހިމެނޭ މީހުން ގެނައުމުގެ ބާރު ލިބިގެންވަނީ ކޯޓުތަކަށްކަމަށެވެ. އެހެންކަމުން އަލީ ވަހީދު ރާއްޖެ ގެނެސްގެން މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައިވެސް ކުރިއަށް ގެންދިއުމަށް ދަޢުލަތުން އެދޭކަމަށެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައް މީގެ ކުރިން ވަނީ އަލީ ވަހީދު ހާޒިރުކޮށްގެން ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެމައްސަލައިގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓައި ދިނުމުގެ އަމުރެއް ނެރެ ދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅިނަމަވެސް ކޯޓުން އަމުރު ނެރުމަށް ވަނީ ދެކޮޅު ހަދާފައެވެ.